18 Sep 2016, 12:23
ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމުގެ މަޝްވަރާތަކަށް ރާއްޖޭގެ ދިފާއީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަހުމަދު ޝިޔާމް މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
އެމްއެންޑީއެފް އިން ބުނީ، މިއަދުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ޗީފް އޮފް ޑިފެންސް ފޯސް ކުރައްވާ އެ ދަތުރުފުޅަކީ އިންޑިއާ އަސްކަރިއްޔާގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ.
ދަތުރުފުޅުގައި އިންޑިއާ އަސްކަރިއްޔާގެ އިސް ވެރިންނާ ބައްދަލުކުރައްވާ ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި އިންސާނީ ވަސީލަތް ތަރައްގީކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަހުމަދު ޝިޔާމް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމާފައިވާއިރު، ފުރަތަމަ ފަހަރަށް ރާއްޖޭގައި ސިފައިންގެ އެހާ ފޯސްއެއް އުފައްދަން ސަރުކާރުން ނިންމާފައިވާތީ، ތިން ފައިޓާ ޖެޓާއި މަތިންދާބޯޓެއް ދޭން އިންޑިއާ އިން ވަނީ ނިންމާފައެވެ.
އަދި އެއާ ފޯސްގެ ތަމްރީނުތައް ދިވެހި ސިފައިންނަށް ދޭން ވެސް އިންޑިއާއިން ވަނީ ނިންމާފައެވެ.
ޝިޔާމްގެ މިއަދު ފެއްޓެވި ދަތުރުފުޅުގައި އޭނާގެ އަރިހުގައި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރެއިނިންގެ ޕްރިންސިޕަލް ޑައިރެކްޓަރު ކާނަލް ހާމިދު ޝަފީގާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ކެޕްޓަން ޕްރަސާންތު ހާންޑޫ ބައިވެރިވެވަޑައިގަންނަވައެވެ.