އޭނާއާ ގުޅުވައިގެން މީހުން ދައްކާ ވާހަކަތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ކަމަށާއި އަބަދުވެސް މަސައްކަތް ކުރަނީ ކުރިއަށް ދިއުމަށް ކަމަށް ބޮލީވުޑުގެ ކާމިޔާބު ބަތަލާ ކަންގަނާ ރަނާވަތު ބުނެފި އެވެ.

އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ކަންގަނާ ބުނީ ބޮލީވުޑުގައި އޭނާ ކުރަމުން އަންނަ ދަތުރަކީ ފަސޭހަ ދަތުރެއް ނޫން ކަމަށެވެ. އެގޮތުން ފިލްމީ ދާއިރާ އަށް ނުކުތުމަށް ފަހު ހަޔާތުގައި ވަރަށް ބޮޑެތި އަޑިގަނޑުތައް އައިސްފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް ކަންގަނާ ބުނީ އަބަދުވެސް މަސައްކަތް ކުރަނީ އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެކަން ސިކުނޑީގައި ބައިންދައިގެން ކަމަށެވެ.

"މީހުން ދައްކާ ވާހަކައަކަށް އަހަރެން އަޅައެއް ނުލަން. މިއީ އަހަރެންގެ ދިރިއުޅުން. އަހަރެންގެ ފަހަތުގައި ތިބެ މީހުން ކުރާ ކަމެއް އަހަރެން ނުބަލަން. އަހަރެން އަބަދު ވެސް ބަލަނީ ކުރިއަށް،" ކަންގަނާ ބުންޏެވެ.

ކަންގަނާ ބުނީ ބުލީ ކުރާ މީހުން އުޅެނީ ހަމައެކަނި ސްކޫލުގައި ނޫން ކަމަށާއި، ކޮންމެ ދާއިރާ އަކީ ވެސް އެތަނެއްގައި ތިމާއަށް ބުލީ ކުރާނެ މީހުން ތިބޭ ދާއިރާއެއް ކަމަށެވެ.

ަވަރަށް ކުޑަ އިރުން ފެށިގެން ވެސް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބިފައިވާ ކަންގަނާ ބުނީ ތިމާ ބަލިކޮށްލުމުގެ ފުރުސަތު އެފަދަ މީހުންނަށް ދީގެން ނުވާނެ ކަމަށެވެ.