18 Sep 2016, 13:06
އެޕަލްގެ ސްމާޓްފޯން، އައިފޯނުގެ ހަތް ވަނަ ސީރީޒްގެ ދެ ފޯނު ކަމުގައިވާ އައިފޯން 7 އަދި އައިފޯން 7 ޕްލަސް ގަތުމަށް ގިނަ އަދަދެއްގެ ބަޔަކު އެދި އެދި ތިއްބައި ރާއްޖެއަށް ލިބިފައިވާ ސުޓޮކް ހުސްވެއްޖެ އެވެ.
އެޕަލްގެ ރީޖަނަލް ޑިސްޓިބުއުޓާ އެންޑް ސްޓޮކިސްޓް ކަމަށްވާ ސޮފްޓް ޓަޗް މޯލްޑިވްސް ސީއޯއޯ މުހައްމަދު ރިފާއު "ސަން"އަށް މިއަދު ވިދާޅުވީ ލަފާކުރި ވަރަށް ވުރެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފައި ކަމަށެވެ. ޕްރީ އޯޑާ ފެށުމުގެ ކުރިން ވެސް 98 ޕަސެންޓް ފޯނު އެޖެންޓުން ގަނެފައިވާ ކަމަށް ރިފާއު ވިދާޅުވި އެވެ.
މި މަހު 23 ވަނަ ދުވަހު ރާއްޖޭގެ ބާޒާރުން ފަހުގެ އައިފޯން ލިބެންހުނާނެ އެވެ.
"މިދިޔަ ފަހަރު އައިފޯން 6 އެސް ލޯންޗުކުރި ވަރަށްވުރެ ދެ ގުނަ އިތުރުކޮށް މިފަހަރު ލޯންޗު ކުރަނީ، މިދިޔަ ފަހަރަށް ވުރެ 150 ޕަސެންޓް ގިނަ ވާނެ ފޯނު ރާއްޖެ ގެންނަލެއް، އެކަމަކު ވެސް މި ވަނީ ޑިމާންޑް ބޮޑުވެފައި،" ރިފާއު ވިދާޅުވި އެވެ.
އެޕަލްގެ އުސޫލް އޮންނަ ގޮތުން ފޯނަށް އެދިފައިވާ އަދަދު ޑިސްޓިބިއުޓާއަށް ހާމައެއް ނުކުރެވެ އެވެ.
ރާއްޖޭގެ ބާޒާރަށް އެންމެ ގިނައިން އައިފޯން ވިއްކުމަށް ގެންނަ މުއާސަލާތީ ކުންފުނި ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިބްރާހިމް އިމްޖާދު ޖަލީލް "ސަން" އަށް ވިދާޅުވީ، އެޕަލްއިން އެ ކުންފުއްޏަށް ދީފައިވާ ސްޓޮކަށްވާ ވަރަށް ފޯނުތައް ވިކިފައިވާ ކަމަށެވެ. އެހެންކަމުން ދިރާގުން ޕްރީ އޯޑާ ނެގުން މިހާރު ވަނީ ހުއްޓާލާފަ އެވެ.

އައިފޯން 7 ޕްލަސް --
ސަން އަށް އެނގިފައިވާ ގޮތުގައި 3000 އަށްވުރެ ގިނަ ފޯނަށް ވަނީ ދިރާގު މެދުވެރިކޮށް އެދިފަ އެވެ.
އަދިވެސް ފޯނު ގަތުމަށް ގިނަ އަދަދެއްގެ ކަސްޓަމަރުން އެދެމުންދާއިރު ޕްރީ އޯޑާ ނެގުން ހުއްޓާލި ނަމަވެސް އިތުރަށް ފޯން ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިތުރަށް ފޯން ލިބިއްޖެނަމަ އިތުރަށް ފުރުސަތު ހުޅުވާލާނެ ކަމަށް އިމްޖާދު ވިދާޅުވި އެވެ.
ދިރާގު މެދުވެރިކޮށް ފަހުގެ އައިފޯނަށް އެދިފައިވާ ފަރާތްތަކަށް މި މަހު ފޯނު ލިބޭނެ ކަމަށް ވެސް އިމްޖާދު ވިދާޅުވިއެވެ.
މިފަހަރު ވެސް ދިރާގުން އެއް އަހަރު ދުވަހަށް ބަހާލައިގެން ފައިސާ ދެއްކޭ ގޮތަށް ފޯނު ވިއްކާއިރު އައިފޯނުގެ އެންމެ ފަހުގެ ފޯނު ވިއްކަނީ 13999 ރުފިޔާއިން ފެށިގެން 20499 ރުފިޔާ އާއި ދޭތެރޭ އަގުތަކެއްގަ އެވެ.
އެހެން ގައުމުތަކުން ގަނެގެން ރާއްޖޭގެ އެކިއެކި ވިޔަފާރިވެރިންވެސް ދަނީ އައިފޯނުގެ ފަހުގެ ފޯންތައް ރާއްޖޭގެ ބާޒާރަށް ނެރުމަށް ތައްޔާރުވަމުންނެވެ.
އައިފޯނުގެ ފަހުގެ ސީރީޒު ފުރަތަމަ ލޯންޗުކުރަނީ މިމަހު 16 ވަނަ ދުވަހު އެވެ. އެއީ ސިންގަޕޫރު ފަދަ ގައުމުތަކުގައެވެ. މިމަހު 23 ދުވަހު ރާއްޖޭގައި ކުރާއިރު އެއީ ދެ ވަނައަށް ބާއްވާ ލޯންޗިން އެވެ.
އައިފޯން 7 އަދި 7 ޕްލަސްގެ ޑިޒައިނަށް ބަލާއިރު އޭގައި ހުންނަނީ ރިފްލެކްޓިވް ސާފެސް އެކެވެ. އޮކްސައިޑް ޕްރޮޓެކްޓިވް ފަށަލައެއް ލެވިފައިވެ އެވެ.
އައިފޯން 7ގެ ކެމެރާތައް ވަރަށް ފުރިހަމަ ވާނެ ކަމަށް އެޕަލްއިން ބުނެ އެވެ. އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒް ކުރެވޭ މި ކެމެރާތަކުން އެކްސްޕޯޝަރ ވަގުތު ތިން ގުނައަށް އިތުރުވެ އެވެ. އައިފޯން 7 ގެ ކެމެރާގައި 1.8 އެޕެޗަރގެ ލެންސްއަކާއި ކުއަޑް އެލްއީޑީ ފްލޭޝެއް ހުރެ އެވެ. އަދި ފްރަންޓް ފޭސިންގް ކެމެރާގައި ހަތް މެގަޕިކްސެލް ހުންނާނެ އެވެ.
އައިފޯން 7 ޕްލަސްގެ ޑުއަލް ކެމެރާގެ ސަބަބުން ވައިޑް އޭންގަލް ފޮޓޯތަކާއި ޓެލެފޮޓޯ ނެގެ އެވެ. އެއް ލެންސުން ޒޫމް ކުރެވޭ ވަރަށް ވުރެ އަނެއް ލެންސްގެ ޒޫމް ކުރުމުގެ ގާބިލިއްޔަތު ދެގުނައަށް އިތުރެވެ.
އައިފޯން 7 ގައި ހިމެނެނީ ސްޓޭރެއޯ ސްޕީކަރުތަކެކެވެ. އަދި ކުރީގެ ފޯނުތަކުގައި ހުންނަ ހެޑްފޯން ޖެކުތައް ވަނީ ނަގައިފަ އެވެ. އޭގެ ބަދަލުގައި، ހެޑްފޯނު ޖަހަން ދެން ޖެހޭނީ ފޯނުގެ ޗާޖަރު ޖަހާ ލައިޓްނިންގް ޕޯޓަށެވެ. އާ ހެޑްފޯނެއް ވެސް މި ފޯނާ އެކު ތައާރަފު ކޮށްފައިވެ އެވެ.
އަދި ވަޔަލެސް ޓެކްނޮލޮޖީއާ އެކު "އެއާޕޮޑް" ކިޔާ ވަޔަލެސް ހެޑްފޯނެއް ވެސް އެޕަލްއިން ތައާރަފު ކޮށްފައި ވެ އެވެ. ކަންފަތަށް ހެޑްފޯނު ޖެހި ކަން އިންފްރާރެޑް ސެންސަރުތަކަކުން ދެނެގަނެވޭ އިރު، މި ހެޑްފޯނު މަސައްކަތް ކުރަނީ ހަމައެކަނި މީހެއްގެ ކަންފަތުގައި އެ ލައްވާފައި ހުންނަ އިރު އެވެ.
އެއާޕޮޑް ހެޑްފޯންސްއަކީ އައިފޯނާ ވަކިން ވިއްކަން ހުންނަ އެއްޗެކެވެ. އޭގެ އަގަކީ 169 އެމެރިކާ ޑޮލަރެވެ.
އައިފޯން 7 އަދި 7 ޕްލަސް މިއަދު އިފްތިތާހު ކޮށްފައިވާ އިރު، އައިފޯން 7 ގެ އަގު ފެށެނީ 649 ޑޮލަރުންނެވެ. އަދި އައިފޯން 7 ޕްލަސްގެ އަގުތައް ފެށޭނީ 769 ޑޮލަރަށެވެ. ދެ ފޯނުގެ ވެސް 256 ޖީބީގެ މެމޮރީއާ ހަމައަށް ލިބެން ހުންނާނެ އެވެ.