18 Sep 2016, 12:04
ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗުތައް ފަސޭހަ ކަމާ އެކު ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.
ބާސެލޯނާ ލެގަނޭސް އަތުން މޮޅުވީ 5-1ގެ ނަތީޖާ އަކުންނެވެ. އެތުލެޓިކޯ މެޑްރިޑް މޮޅުވީ ސްޕޯޓިން ގިޔޯން އަތުން 5-0ގެ ނަތީޖާ އަކުންނެވެ.
ރޭގެ ނަތީޖާއާ އެކު ބާސެލޯނާ އެއްވަނާގައި އޮތީ ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިގެންނެވެ. ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް ވެސް ނުވަ ޕޮއިންޓް ލިބިފައިވާ އިރު ބާސާއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެތުލެޓިކޯ ހަތަރު ވަނާގައި އޮތީ އަށް ޕޮއިންޓް ލިބިގެންނެވެ.
ރޭގެ މެޗުގައި ބާސާ އިން ވަނީ ފުރަތަމަ ހާފުގައި ތިން ގޯލު ކާމިޔާބުކޮށް ލީޑު ނަގާފައެވެ. ފުރަތަމަ ގޯލު ލިއޮނަލް މެސީ ކާމިޔާބު ކުރިއިރު ދެވަނަ ގޯލު ކާމިޔާބް ކޮށްދިނީ ލުއިސް ސުއަރޭޒެވެ. ތިން ވަނަ ގޯލު ކާމިޔާބު ކޮށްދިނީ ނޭމާ އެވެ.
ދެ ވަނަ ހާފުގައި ބާސާއަށް ލިބުނު ޕެނަލްޓީއެއްގައި މެސީ އޭނާގެ ދެވަނަ ގޯލު ކާމިޔާބު ކުރި އެވެ. ބާސާގެ ފަހު ގޯލު ކާމިޔާބު ކޮށްދިނީ ރަފީނިއާ އެވެ. ލެގަނޭސްގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ ގެބްރިއަލް އެވެ.
އެތުލެޓިކޯ މެޑްރިޑް ރޭގެ މެޗު ކާމިޔާބު ކުރިއިރު އެންޓޮނީ ގްރިޒްމަން އާއި ފެނާންޑޯ ޓޮރޭސް ވަނީ ދެ ގޯލު ކާމިޔާބު ކޮށްފަ އެވެ. ޓޮރޭސްގެ ދެވަނަ ގޯލަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި ކާމިޔާބު ކޮށްދިން ގޯލެކެވެ. އެތުލެޓިކޯގެ އަނެއް ގޯލު ކާމިޔާބް ކޮށްދިނީ ކެވިން ގެމާރިއޯ އެވެ.
ލަލީގައި ރޭ ސެވިއްޔާ ވަނީ 1-1ގެ ނަތީޖާ އަކުން އެއިބާއާ އެއްވަރުކޮށްފަ އެވެ. ލަސް ޕަލަމްސް ވަނީ 1-0ގެ ނަތީޖާ އަކުން މަލާގެ މައްޗަށް ކުރި ހޯދާފައެވެ.