ސަންޢާ : ޔަމަންގެ ރިޔާސީ ގަނޑުވަރަށް ބަޔަކުދިން ރޮކެޓް ޙަމަލާއެއްގައި ޒަޚަމްވުމާ ގުޅިގެން ރައީސް ޢަލީ ޢަބްދުﷲ ސާލިޙް، ސަންޢާގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރެވިފައިވާ ކަމަށް ޚަބަރު ލިބިއްޖެވެ.
ޔަމަންގެ ބައެއް ދާއިރާތަކާ ޙަވާލާދީ ބީބީސީން ބުނިގޮތުގައި އެ ހަމަލާގައި ރައީސް ސާލިޙްގެ ހަށިކޮޅަށް ލިބުނީ ވަރަށް ކުޑަ ގެއްލުމެކެވެ. ނަމަވެސް ލިބުނު ކުދި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށާއި ބައެއް ޗެކްއަޕްތައް ހެއްދެވުމަށްޓަކައި ސާލިޙް މިހާރު އޮންނެވީ ހޮސްޕިޓަލުގަ އެވެ.

ރިޔާސީ ގަނޑުވަރަށް ދިން ހަމަލާއަށްފަހު ސާލިޙްވަނީ ޓީވީ މެދުވެރިކޮށް ކުރުބަޔާނެއް ދެއްވާފައެވެ. އެ ބަޔާނުގައި ސާލިހް ވިދާޅުވީ ރިޔާސީ ގަނޑުވަރަށް ހަމަލާދިނީ ޤާނޫނުން ބޭރުވެފައިވާ ހައްދުފަހަނަޅާފައިވާ ބައެއް ކަމުގައެވެ. ސާލިހް ބަޔާން ދެއްވިއިރު އޭނާގެ އަޑުފުޅު ކެނޑިކެނޑިގެން ގޮސްފައިވެ އެވެ.

ސާލިޙްގެ ރިޔާސީ ގަނޑުވަރަށް ދިން ރޮކެޓް ޙަމަލާގެ ފަހަތުގައިވަނީ އޭނާގެ ވެރިކަމާ އިދިކޮޅު ޤަބަލީ އިސް ލީޑަރެއްކަމަށްވާ އައްސާދިޤުލް އަހްމަރުގެ ހަނގުރާމަވެރިން ކަމަށް ސާލިޙްގެ ސަރުކާރުން ތުހުމަތު ކުރެއެވެ. ނަމަވެސް އަލްއަޙްމަރަށް ތާއީދުކުރާ ފަރާތްތަކުންވަނީ އެޙަމަލާއާ އެމީހުންނާ ގުޅުމެއް ނުވާކަމަށް ބުނެފަ އެވެ.

އަދި އެޙަމަލާއަކީ ޔަމަންގެ ސަލާމަތީ ބާރުތައް އަޑީގައި އޮވެގެން ރޭވުމެއްގެ ދަށުން ދިން ޙަމަލާއެއް ކަމަށާ މިކަމުގެ ބޭނުމަކީ ސާލިޙްގެ ވެރިކަން ދިފާޢުކުރުމަށްޓަކައި ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރާނެ އިތުރު ފުރްސަތެއް ހޯދުން ކަމަށްވެސް އަލްޢަޙްމަރުގެ ހަނގުރާމަވެރިން ބުނެއެވެ.

ރައީސް ސާލިޙްގެ ގަނޑުވަރަށް ދިންޙަމަލާގައި ތިން މީހަކު މަރުވެ ޔަމަންގެ ބޮޑުވަޒީރާއި ޕާލަމެންޓްގެ ރައީސް ޒަޚަމްވި ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އިތުބާރުހުރި ފަރާތަކުން މިކަން ކަށަވަރުކޮށެއް ނުދެއެވެ. ރިޔާސީ ގަނޑުވަރަށް ދިން ޙަމަލާގައި މަރުވީ ހަތްމީހުން ކަމަށާއި މީގެތެރެއިން އެކަކީ ރިޔާސީ އެކުވެނީގެ މިސްކިތުގެ އިމާމްކަމަށް ޔަމަންގެ ސަލާމަތީ ބާރުތަކުން ބުނެއެވެ.
ޔަމަންގެ ރައީސް ސާލިޙުގެ ބާރުތަކާއި އިދިކޮޅު ޤަބަލީ ލީޑަރެއް ކަމަށްވާ ސާދިޤުލް އަޙްމަރުގެ ބާރުތަކާ ދެމެދު ވެރިރަށް ސަންޢާގައި ކުރިމަތިލުންތައް ހިނގަމުންދާތާ ހަފްތާއެއްހާ ދުވަސްވެފައިވާއިރު މިކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 70 އަށް އަރާފައެވެ.
ރައީސް ސާލިޙްގެ ވެރިކަން ވައްޓާލުމަށްޓަކައި ރައްޔިތުން ސުލްޙަވެރިކަމާއެކު މުޒާހަރާތައް ކުރަމުން ގެންދާތާ މިހާރުވަނީ 4 މަސްވެފައެވެ. -- ނޫސްއެޖެންސީތައް


http://www.youtube.com/watch?v=zzNzZwoCP2E