ދެހާސް ދެ ވަނަ އަހަރު ނުކުތް ބިރުވެރި ފިލްމު 'ރާޒް' އަކީ ބްލޮކްބަސްޓާރ ފިލްމަކަށް ވެގެން ދިޔަ އެވެ. މަހޭޝް ބަޓް ޕްރޮޑިއުސް ކޮށް ވިކްރަމް ބަޓް ޑައިރެކްޓު ކުރި އެ ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ދިޔައީ ބިޕާޝާ ބާސޫ އަދި ޑީނޯ މޯރިއާ އެވެ.

އެ ފިލްމުގެ ކާމިޔާބަށް ފަހު މަހޭޝް ބަޓް ވަނީ 'ރާޒް' ގެ ސީރީޒް އެއް ފަށައިފަ އެވެ. ފްރެންޗައިޒް އެއްގެ ގޮތުގައި 'ރާޒް' ކުރިއަށް ގެންދަން ނިންމައި ދެވަނަ ފިލްމު ފެނިގެން ދިޔައީ 2009 ވަނަ އަހަރު އެވެ. އަދި 2012 ވަނަ އަހަރު 'ރާޒް 3ޑީ' ނުކުތް އިރު މި އަހަރު މިވަނީ 'ރާޒް ރީބޫޓް' ނުކުމެފަ އެވެ.

'ރާޒް' ސީރީޒްގެ ކޮންމެ ފިލްމަކީ ވެސް ސިއްރެއްގެ ސަބަބުން ދިމާވާ ބިރުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުތަކެކެވެ. އަދި 'ރާޒް' ގެ ފިލްމުތަކަކީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީ ތަކެއް ހޯދާފައިވާ ފިލްމުތަކެކެވެ.

ނަމަވެސް 'ރާޒް' ސީރީޒް ބެލުންތެރިންނާ ހަމައަށް އަންނަން ފެށިތާ 14 އަހަރު ފަހުން، އެ ސީރީޒް އުފައްދާ ފަރާތުން މިވަނީ 'ރާޒް ރީބޫޓް' އަކީ ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު ކަމަށް ހާމަކޮށްފަ އެވެ.

އިމްރާން ހާޝްމީ، ކްރިތީ ޚަރްބަންޑާ އަދި ގޯރަވް އަރޯރާ މުހިންމު ރޯލުތަކުން ފެނިގެންދާ އެ ފިލްމަކީ ސީރީޒް ނިންމާލަން އެންމެ އެކަށީގެންވާ ފިލްމު ކަމަށް ޓީމުން ގަބޫލު ކުރެ އެވެ.

ޑައިރެކްޓަރު ވިކްރަމް ބަޓް ބުނީ ގިނަ ދުވަސްތަކަކަށް ފަހު ސީރީޒްގެ މަސައްކަތް ހުއްޓާލަން ވުމުން ދެރަވާ ކަމަށާއި، ނަމަވެސް އައު މަސައްކަތެއް ފެށުމަށް އެއީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.

'ރާޒް ރީބޫޓް' ރިލީޒް ކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. ފިލްމު ރިލީޒް ކުރި ދުވަހަކު ފިލްމަށް 6.30 ކުރޯޑް ރުޕީޒް ވަނީ ލިބިފަ އެވެ.