18 Sep 2016, 12:15
ވޮޝިންޓަން (ސެޕްޓެމްބަރު 18): އެމެރިކާ އިން ސީރިއާއަށް ދިން ވައިގެ ހަމަލާތަކެއްގައި އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ ސީރިއާގެ 62 ސިފައިން މަރުވެފައިވާ ކަމަށް އެމެރިކާ އިން އެއްބަސްވެއްޖެ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެމެރިކާ އިން އެހަމަލާތައް ދީފައި ވަނީ އެ ސަރަހައްދަކީ އައިއެސްއިން ހިފާފައިވާ ސަރަހައްދެއް ކަމަށް ހީކޮށެެވެ. އަދި އެސަރަހައްދުގައި ތިބީ ސީރިއާ އަސްކަރިއްޔާގެ ފައުޖުތަށް ކަމަށް ރަޝިއާ އިން ބުނުމުން ހަމަލާތައް ވަގުތުން ހުއްޓާލި ކަމަށް ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އެމެރިކާ އިން ބުނި ގޮތުގައި އެހަމަލާތައް ދިން ކޮމްބައިންޑް އެއާ އޮޕަރޭޝަންސް ސެންޓަރުން ވަނީ ހަމަލާ ދިނުމުގެ ކުރިން އެކަން ރަޝިއާއަށް އަންގައިފަ އެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ވަނީ އެމެރިކާ އިން ދިން ހަމަލާއަކީ އޮޅުމަކުން ދިން ހަމަލާއަކަށްވާ ނަމަ، އެއީ އެމެރިކާ އިން ރަޝިއާއާ ގުޅިގެން އަސްކަރީ ހަރަކާތްތައް ހިންގުމަށް ދެކޮޅު ހެދުމުން ހިނގި ހާދިސާއެއް ކަމަށް ބުނެފަ އެވެ. އަދި އެމެރިކާގެ ހަރަކާތްތަކުގެ ސަބަބުން ސީރިއާގައި އަނެއްކާ ވެސް ހަމަލާތައް ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފަ އެވެ.
އެމެރިކާ އާއި ރަޝިއާ އިން ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ސީރިއާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވަނީ ހަމަލާ ބަދަލު ކުރުން މެދުކަނޑާލުމަށް މިދިޔަ ހޯމަ ދުވަހު އެއްބަސްވެފަ އެވެ.
ސީރިއާގެ އަސްކަރިއްޔާ އިން ވަނީ އެމެރިކާ އިން އެގައުމުގެ ފައުޖުތަކަށް ދިން ހަމަލާތަކުގެ ސަބަބުން އައިއެސް އިތުރަށް ބާރުގަދަ ވުމަށް މަގުފަހިވެފައިވާ ކަމަށް ބުނެފަ އެވެ. އަދި އެމެރިކާއިން އައިއެސްއަށް ވާގިވެރިވާ ކަން އެހަމަލާތަކުން ދޭހަވާ ކަމަށް ބުނެފަ އެވެ. (ބީބީސީ)