މިދިއަ ހޯމަ ދުވަހު ކަންނެލީގެ މަސްވެރި ކަމަށް ނުކުތް އދ ހަންޏާމީދޫ "އަޖުމަ" ނަމަކަށް ކިޔާ ދޯނީގެ ހަބަރެއް އަދިވެސް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެ ދޯނި ގެއްލިގެން ރޭގެ ވަގުތެއްގައި އެމްއެންޑީއެފުން ވަނީ އިއުލާނުކޮށްފަ އެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ ދޯނީގެ އެއްވެސް ހަބަރެއް ވެއްޖެނަމަ އެފަރާތައް އެންގުމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަދުނާނު މުހައްމަދު "ސަން"އަށް ވިދާޅުވީ އެ ދޯނީގެ ހަަބަރެއް އަދި ނުވާ ކަމަށެވެ. ދޯނި ހޯދުމަށް އެއްވެސް ސަރަހައްދެއް މިހާތަނަށް އެމްއެންޑީއެފުން ބަލާފައި ނުވާނެ ކަމަށް އަދުނާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ސަރަހައްދެއް އަދި ސާޗެއް ނުކުރަން. މިކަހަލަ ކޭސަތަކުގައި އެ ދޯނި ނައްޓާލައިގެން ދެން ދާނެ ތަނެއްވެސް ނޭނގޭ އެހެންވެ ހޯދާނީ ކޮންތަނެއް ކަމެއް ނޭންގޭނެ. ފަހަރެއްގައި ވެދާނެ ފޯނު ނިވާލައިގެން ކަމަށް ނުވަތަ ރޭންޖް ނުލިބޭ ސަރަހައްދެއްގައި ތިބީ ކަމަށް،" އަދުނާން ވިދާޅުވި އެވެ.

ދޯނީގެ ވެރިފަރާތް ކަމަށްވާ އަހުމަދު ނަސީމް "ސަން"އަށް ބުނީ ދޯނީގެ ހަބަރެއް އެންމެ ފަހުންވީ އީދު ދުވަހު ކަމަށެވެ. އޭރު ދޯނި ތައްޔާރުވެފައި އޮތީ ރ. ރަސްމާދޫއިން ފުރަން ކަމަށް ނަސީމް ބުންޏެވެ.

ނަސީމް ބުނީ ބެލެވޭ ގޮތުން ދޯނި ދަތުރު ކުރާނީ ރަސްމާދޫއާ ދިމާލުން ބޭރަށް ކަމަށެވެ.

އެ ދޯނި މިދިޔަ ހޯމަ ދުވަހު ކަންނެއްޔަށް ނުކުތީ 13 މީހުންނާ އެކު، ރ. ރަސްގެތީމުންނެވެ.

ދޯންޏަކީ ދިގުމިނުގައި 78 ފޫޓު ހުންނަ، ގަދަ ނޫ ކުލައިގެ ދަވާދުލާފައިވާ ދޯންޏެކެވެ. އަދި އެ ދޯނީގައި ރަތް ކުލައިގެ ގެގަނޑެއް ހުންނަ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ދޯންޏާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑުގެ ހޮޓްލައިން 191 އަށް، ނުވަތަ 3395981 އަދި 3398898 އަށް ގުޅައި، މައުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފުން އެދެ އެވެ.