ކަޝްމީރު (ސެޕްޓެމްބަރު 18): ބަޑި ޖަހައި މަރާލާފައި އޮއްވާ ފެނުނު ކަޝްމީރުގެ 11 އަހަރުގެ ނާސިރު ޝާފީގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ އެވެ.

ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައި މަރާލާފައި އޮއްވައި ފެނުނު ނާސިރުގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވެފައި ވަނީ އެސަރަހައްދުގައި ކާފިއު އިއުލާންކޮށްފައި ވަނިކޮށެވެ. އޭގެ ސަބަބުން ޖަނާޒާގެ ބައިވެރިންނާއި އިންޑިއާ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 100 ވަރަކަށް މީހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހަކު ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ގެއްލިގެން ހޯދަމުން ދިޔަ، ނާސިރުގެ ހަށިގަނޑު ފެނިފައި ވަނީ ސްރީނަގަރުގައި އެދުވަހު އޮތް މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން ޕެލެޓް ގަން ބޭނުން ކުރި ފަހުން އެސަރަހައްދު ކައިރިންނެވެ.

ކަޝްމީރުގައި ފުލުހުން ޕެލެޓް ގަން ބޭނުން ކުރުން މަނާ ކުރާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވީ ނަމަވެސް، ފުލުހުން އަދިވެސް ދަނީ ކަޝްމީރުގައި މުޒާހަރާ ކުރަމުންދާ މީހުންނާ ދެކޮޅަށް ޕެލެޓް ގަން ބޭނުން ކުރަމުންނެވެ.

އިންޑިއާގެ ވެރިކަމާ ދެކޮޅަށް ކަޝްމީރުގައި މިދިޔަ ޖުލައި މަހުން ފެށިގެން ކުރިއަށްދާ މުޒާހަރާތަކުގައި އިންޑިއާ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 80 އަށް ވުރެ އިތުރުވެފަ އެވެ. (އަލްޖަޒީރާ)