18 Sep 2016, 10:04
ވޭތުވެ ދިޔަ އީދު ބަންދަކީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޮޑެތި ކުށްތައް ނުހިނގާ އަމާން ބަންދެއް ކަމަށް ފުލުހުން ބުނެފި އެވެ.
ވަރަށް ފޯރިއާ އެކު މުޅި ރާއްޖޭގައި މިދިޔަ ހަފްތާގެ ތެރޭގައި އީދު ފާހަގަކޮށްފައިވާ އިރު ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ މިއަދު ސަން އަށް ވިދާޅުވީ އީދު ބަންދުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ހިސާބަކުން ބޮޑެތި ކުށްތައް ހިނގާފައިނުވާ ކަމަށެވެ. އެގޮތުން ވައްކަމާއި މާރާމާރީ ފަދަ ބޮޑެތި މައްސަލަތައް ހުށައެޅިފައި ނެތް އިރު މުދަލާއި މީހުންގެ ނަފްސަށް ގެއްލުން ދިނުން ފަދަ ބޮޑު މައްސަލައެއް ވެސް ހުށައެޅިފައި ނެތްކަމަށް އިސްމާއިލް ވިދާޅުވި އެވެ.
"މާލެ އާއި އަތޮޅުތެރޭގައި އުފާވެރިކަމާ އެކު އެތައް ބަޔަކު އީދު ފާހަގަކުރި އިރު ކުށުގެ މައްސަލަތައް ހުށައެޅުނުލެއް ވަރަށް މަދު، ހާއްސަކޮށް ބޮޑެތި މައްސަލަތަކެއް ނެތް، ވަރަށް އަމާން އޮމާންކޮށް އުފާވެރިކޮށް ދިޔަ އީދެއް މިއީ،" އިސްމާއިލް ވިދާޅުވި އެވެ.
މީގެ އެހެން އީދުތަކުގައި ކަނޑުމަތީ ހާދިސާތަކާއި މޫދުގެ ހިތާމަވެރި ހާދިސާތައް ހިނގާއިރު މިފަހަރު އެކަހަލަ ކަމެއް ވެސް ނުހިނގާކަން އިސްމާއިލް ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ނުރައްކާތެރިކަމަށް އީދު ތެރޭގައި ހިނގާފައިވަނީ އެކްސިޑެންޓްތައް އެކަނި ކަމަށެވެ.
އަމާންކަން ބެލެހެއްޓުމަށް ޓަކައި ފުލުހުން 24 ގަޑިއިރު ސެކިއުރިޓީ ބެލެހެއްޓި ކަމަށާއި އޭގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.