18 Sep 2016, 09:14
ސްޕެނިޝް ލަލީގާގައި އެސްޕަނިއޯލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް އިން މިރޭ ނުކުންނައިރު އެ ޓީމުގެ އެންމެ މުހިންމު ދެ ފޯވާޑުން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތް ބޭލް އަކަށް ނުކުޅެވޭނެ އެވެ.
މިރޭގެ މެޗަށް ނެގި 19 ކުޅުންތެރިންގެ ސްކޮޑުގައި އެ ދެކުޅުންތެރިން ނުހިމިނޭއިރު ކޯޗު ޒައިނުއްދީން ޒިދާން ބުނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ޕޯޗުގަލްގެ ސްޕޯޓިން އާއި ދެކޮޅަށް ކުޅުނު މެޗުގައި ބޭލްގެ އަރިކަށްޓަށް އަނިޔާވެފައިވާ ކަމަށާއި ރޮނާލްޑޯ ޓީމުން ބައިކީ ކުރީ ރޯގާގެ ސަބަބުން ބަލިވެ އުޅޭތީ ކަމަށެވެ.
"އަހަރެމެން އިބެ ޖެހޭ ކޮންމެ ތިން ދުވަހުން އެއް ދުވަހު މެޗެއް ކުޅެން. އެހެންވީމަ ރޮނާލްޑޯ އާއި ބޭލް ފަދަ މުހިންމު ކުޅުންތެރިން ރިސްކެއްގެ ތެރެއަށް ވައްޓާލާކަށް އަހަރެން ބޭނުމެއް ނޫން. މުޅިން ފިޓް ވުމުން އަލުން އަނބުރާ ޓީމަށް ނަގާނަން،" ޒިދާން ބުންޏެވެ.
ޒިދާން ބުނީ ރެއާލް މެޑްރިޑްގެ ކޮންމެ ޑިޕާޓްމެންޓް އަކަށް ބެލި ނަމަވެސް ތިބީ ހުނަރުން ފުރިފައިވާ މޮޅުތި ކުޅުންތެރިންތަކެއް ކަމަށާއި ފުރަތަމަ 11ގައި ހިމެނޭ ކުޅުންތެރިން ފިޓް ނުވުމުން އެތަން ފޫބައްދާނެ ކުޅުންތެރިން ވެސް އެބަތިބި ކަމަށެވެ.
ރެއާލްގެ އެންމެ މުހިންމު ދެކުޅުންތެރިންނާ ނުލައި މިރޭގެ މެޗަށް އެ ޓީމު ނުކުންނައިރު އެ މެޗަކީ އެ ޓީމުން ކޮންމެހެން ކާމިޔާބު ކުރަން ބޭނުން މެޗެކެވެ. ސަބަބަކީ މިރޭގެ މެޗު ކާމިޔާބު ކޮށް ވާދަވެރި ބާސެލޯނާއިން ހަދާފައިވާ 16 ލީގު މެޗުން މޮޅުވުމުގެ ރިކޯޑް އާއި އަރާ ހަމަކުރެވޭނެ އެވެ. ބާސެލޯނާއިން އެ ރިކޯޑް ގާއިމް ކުރީ 11-2010 ގެ ސީޒަނުގައި އޭރުގެ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުންނެވެ.
މިރޭގެ މެޗު ކާމިޔާބުކޮށްގެން ރެއާލް މެޑްރިޑަށް އަލުން އަނބުރާ އެއްވަނަ އަށް އެރުމުގެ ފުރުސަތު އޮންނާނެ އެވެ. މިވަގުތު އެއްވަނާގައި ބާސެލޯނާ އޮތީ ރެއާލް މެޑްރިޑަށް ވުރެން އެއް މެޗު އިތުރަށް ކުޅެ ނުވަ ޕޮއިންޓާ އެކުއެވެ. ރެއާލް އަށް ވެސް ނުވަ ޕޮއިންޓް ލިބުނު ނަމަވެސް އެ ޓީމު ދެ ވަނާގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.