ޓެލްއަވީވް: ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސް އެޅުމަކީ އިސްރާއީލުން ހަދާ ވަރަށްބޮޑު ގޯހެއްކަމަށް އިސްރާއީލުގެ ޖާސޫސީ އިދާރާ "މޮސާޑް" ގެ ކުރީގެ ވެރިޔާ މާއީރު ދަޣާން ވިދާޅުވެއްޖެވެ.

ޓެލްއަވީވް ޔުނިވާސިޓީގައި ދެއްވި ލެކްޗަރެއްގައި ދަޣާން ވިދާޅުވީ އިސްރާއީލު ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިގެންދާނެކަމީ ކަށަވަރު ކަމެއް ކަމަށެވެ. ފަލަސްތީނުގެ މިނިވަން ދައުލަތާ ދެކޮޅަށް އިސްރާއީލު ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި އެއީ "ބާރުގަދަ އޮއިވަރަކާ ދެކޮޅަށް ފެތުން" ކަހަލަކަމެއް ކަމަށް ދަޣާން ސިފަކުރެއްވި އެވެ.
މައީރު ދަޣާންއަކީ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑްގެ ވެރިޔާގެ މަޤާމް އަދާކުރެއްވުމުގެ އިތުރުން އިސްރާއީލުގެ ޖާސޫސީ ދާއިރާގައި 30 އަހަރު ޚިދްމަތްކުރައްވާފައިވާ ތަޖްރިބާކާރު ބޭފުޅެކެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމުގެ މައްސަލަ އަންނަ ސެޕްޓެމްބަރުމަހު އދ. އަށް ވެއްދުމަށް ހަމަޖެހިފައިވާއިރު އދ. ގެ ޖެނެރަލް އެސެމްބްލީގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާނެ ކަމަށްވަނީ ބެލެވިފަ އެވެ.

ދަޣާން ވިދާޅުވީ ފަލަސްތީނުގެ ދައުލަތަށް ދުނިޔޭގެ ޤައުމުތަކުން އެއްބަސް ވަމުންއާންނެ ކަމަށާ އެކަން ހުއްޓުވުމަށް އިސްރާއީލުން ކުރާ މަސައްކަތް ކާމިޔާބުނުވާނެ ކަމަށެވެ. އަދި އެއީ ދުރުމުސްތަޤްބަލަށް ބަލާއިރު އިސްރާއީލުން ހަދާނެ އެންމެ ބޮޑު އެއް ގޯސްކަމަށް ވެސް ދަޣާން ވިދާޅުވިއެވެ.
ދަޣާންގެ މިވާހަކަތަކަކީ އިސްރާއީލުން ފަލަސްތީނުގެ ޙައްޤުތަކާމެދު ގެންގުޅޭ އަނިޔާވެރި އަދި ހަރުކަށި ސިޔާސަތުތަކާ ފުށުއަރާ ވާހަކަތަކެކެވެ. ދަޣާންގެ ވާހަކަ ތަކަކީ ހުސްވާހަކަ ތަކެއްކަމަށް އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫގެ އިސް އެހީތެރިންވަނީ ސިފަކުރައްވާފައެވެ. -- އަލްޖަޒީރާ