18 Sep 2016, 08:49
ވޯލްޑް ވޮލީބޯލް ޗެމްޕިއަންޝިޕް ކޮލިފިކޭޝަން ޒޯނަލް ފޭސް އެކެއްގައި ރާއްޖެ ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ ދެ ވަނަ ބުރަށް ނުހޮވި ކަޓައިފި އެވެ.
ފުރަތަމަ މެޗުގައި ބަންގާޅު އަތުން ބަލިވެފައިވާ އިރު ކޮންމެހެން މޮޅުވާން މަޖުބޫރު އެ މެޗުގައި ރާއްޖެ ބަލިވީ މުބާރާތް ބާއްވާ ކިރްގިސްތާން އަތުން ސީދާ ތިން ސެޓުންނެވެ.
އެ މެޗުގެ ސެޓްތަށް ކިރްގިސްތާން އިން ގެންދިޔައީ ފަސޭހަކަމާ އެކު 25-16، 25-18 އަދި 25-19 އިންނެވެ. ރާއްޖެ އަތުން މޮޅުވި ކިރުގިސްތާން ވަނީ އެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި ބަންގާޅު ބަލިކޮށް ގްރޫޕްގެ އެއް ވަނަ ޓީމްގެ ގޮތުގައި އަނެއް ބުރުން ޖާގަ ހޯދާފަ އެވެ.
ކުރީގެ އެއްވަނަ ވޮލީ ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ކިރުގިސްތާން އަށް ދިޔަ ޓީމްގައި ހިމެނޭ 13 ކުޅުންތެރިންނަކީ ކެޕްޓަން އިޝާން މުހައްމަދު (ބަޓިޝް) އާއި، އަޝްފާގު އާދަމް (އައްކަޅޭ) އާއި، އަލީ އާމިރާއި، އާދަމް ފައިރޫޒާއި، ހުސައިން ވިޝާމާއި، މުހައްމަދު ޝާއިން އާއި، އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި، އަލީ ހުޒާމް (ހުޒާންޓޭ) އާއި، ހަސަން ނިލާމް އާއި، މުހައްމަދު އަހުސަނާއި، ހުސައިން ސައީދާއި، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި ޖަވާމް އަލީ އެވެ.