17 Sep 2016, 23:31
ހައްޖާއި ޢުމުރާގެ މާތް އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއާއި މަދީނާއަށް ޒިޔާރަތްކުރާ މެހެމާނުންގެ ޚިދުމަތުގައި އަބަދުވެސް އެގައުމުގެ ދަރުމަވެރީން ތިބެއެވެ. އޭގެތެރޭގައި ގިނަވާނީ ޒުވާނުންނާއި ދުވަސްވީ މީހުންވެ. އެހެންނަމަވެސް މިފަހަކަށް އައިސް މަންޒަރު ބަދަލުވެއްޖެއެވެ. ބޮޑެތި މީހުން ދެމުން އައި އެ ޚިދުމަތަށް ކުޑަކުދީން އަމިއްލައަށް ނުކުންނަން ފެށީއެވެ. މާތް ﷲގެ ރަހްމަތާއި ދަރުމައަށް އެދިގެންނެވެ.
މާޒިން އަދި ބާސިމް އަލް ޒަހްރާނީއަކީ އެފަދަ ދެކުދީންނެވެ. އެއީ ސައުދީ އަރަބިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ އަލް-ބަހާގެ އާއިލާއަކަށް ނިސްބަތްވާ ދެބޭންނެވެ. އުމުރުން 10 ވަރަކަށް އަހަރުގެ އެ ދެބޭން މިފަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ދިޔައީ އެކުދީންގެ މައިންބަފައިންނާ އެކުއެވެ.
މާޒިންއާއި ބާސިމަށް ލިބޭ ހުސްވަގުތު ތަކުގެ ބޭނުން ހިފަން އެ ދެބޭން ވެސް އިހްތިޔާރުކުރީ، މާތް ﷲ ގެ މެހެމާނުންނަށް ޚިދުމަތްކުރުމަށެވެ. އެގޮތުން މައްކާގެ އަޒީޒިއްޔާ އަވަށުގެ ބޮޑު މަގެއްގައި އެކުދީން ކޮންމެ ދުވަހަކުވެސް ހައްޖުވެރީންނަށް ފެނާއި ސައި ފަދަ ބުއިންތަކާއި ކާތަކެތި ބެހުމުގައި ވަގުތު ހޭދަކުރެއެވެ.
އެއީ މިނާއާ ކައިރި ހިސާބެއް ކަމަށް ވުމުން ގިނަ އަދަދެއްގެ ހައްޖުވެރީން އެ ސަރަހައްދުގައި މަޑުކުރެއެވެ. އެހެންކަމުން އެކުދީން ބޭނުންވީ ގިނަ ބަޔަކަށް ޚިދުމަތްކޮށްގެން ސަވާބު އިތުރުކުރުމެވެ.
އެ ދެބޭން ކިޔައިދިން ގޮތުގައި، ޞަދަގާތްކުރުމާއި، ދަރުމައަށް މަސައްކަތްކުރުމަށް، އެކުދީންގެ މައިންބަފައިން އަބަދުވެސް ބާރުއަޅައެވެ. އަދި ޚާއްސަކޮށް މިފަދަ މަތިވެރި ދުވަސްވަރެއްގައި އެފަދަ ކަންކަމުގައި އިސްނެގުމަށް ނަސޭހަތްތެރިވެއެވެ.
އެ ދެބޭން ހައްޖުވެރީންނަށް ފެނާއި ސަޔާއި ކާތަކެތި ބެހުމަށް، އެތަކެތި ގަންނަނީ، ޕޮކެޓްމަނީގެ ގޮތުގައި ލިބޭ ފައިސާކޮޅު ރައްކާކޮށްގެން ކަމަށް އެކުދީން ކިޔައިދިނެވެ.
މާޒިންއާއި ބާސިމް ފަދަ އެތަކެއް ކުޑަކުދީންނެއް، މައްކާއާއި މަދީނާގެ މަގުތަކުގައި ހައްޖު މޫސުމާއި އުމްރާގެ ދުވަސްވަރާ ދިމާކޮށް މެހެމާނުންގެ ޚިދުމަތަށް ނިކުންނަކަމަށް ވެއެވެ. އެގޮތުން އަޅުކަމުގެ މޫސުމާ ދިމާކޮށް އެކުދީންގެ މައިންބަފައިންވެސް އެ ކުދީންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއެވެ. އަދި މައްކާގައި ދަރުމައަށް މަސައްކަތްކުރާ އެކިއެކި ޖަމާއަތްތަކުންވެސް އެފަދަ ކުދީންނަށް ފެނާއި ކާނާއާއި ފޮނި ކާތަކެތި ފޯރުކޮށްދީ ހަދައެވެ. އެފަދަ ޖަމާއަތްތަކުން ބުނާގޮތުން އެއީ އެކުދީން ދަރުމަވެރީންގެ ގޮތުގައި ތަމްރީނުކުރުމަށް ކުރާ މަސައްކަތެވެ.
ސައުދީ ގެޒެޓުގައި ވެއެވެ. އުރުދުންގެ ހައްޖުވެރިއެއް ކަމަށްވާ އަބޫ ޣައިދާ އެ ނޫހަށް ކިޔައިދިން ގޮތުގައި، މިނާގެ މަގުތަކުގައި ގިނަ އަދަދެއްގެ ކުޑަކުދީން ހައްޖުވެރީންނަށް ކާނާއާއި ފެނާއި ޖޫސްފަދަ ތަކެތި ބެހުމުގައި ހަރަކާތްތެެރިވި މަންޒަރު އޭނާއަަށް ފެނުނެވެ.
"އަހަރެން ވަރަށް އުފާވި ސައުދީ ކުޑަކުދީން މި މަސައްކަތުގައި އުޅޭ މަންޒަރު ފެނުމުން. މުސްތަގުބަލުގައި އެކުދީންނަކީ، އެކުދީންގެ ކާބަފައިން ކުރަމުން އައި މަސައްކަތް ދިރުވާނޭ ޖީލެއް،" އޭނާ ބުންޏެވެ.
ފަލަސްތީނުގެ ހައްޖުވެރިއެއް ކަމަށްވާ އިބްރާހީމް ކިޔައިދިން ގޮތުގައި، ހައްޖުވެރީން ޖަމާވާ ސަރަހައްދު ތަކުގައި އެ މީހުންގެ ޚިދުމަތުގައި ސައުދީ ކުޑަކުދީން އުޅޭ މަންޒަރުފެނުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.
"ސައުދީ ބޮޑެތި މީހުންނާއި ކުޑަކުދީން، ހައްޖުވެރީންގެ ޚިދުމަތުގައި އުޅޭ މަންޒަރަކީ ހައިރާންވާން ޖެހޭ ވަރު ކަމެއް ނޫން. ސަބަބަކީ އެމީހުންނަކީ ދީލަތި، އަދި އެމީހުންގެ މެހެމާނުންނަށް އިހްތިރާމްކުރާ ބައެއް،" އޭނާ ކިޔައިދިނެވެ.
ކޮންމެއަކަސް، މިފަދަ ކަންކަމުން އަހަރެމެން ވެސް އިބުރަތް ހާސިލްކުރާން އެބަޖެހެއެވެ. އަހަރެމެންގެ ދަރީންނަކީވެސް މިފަދަ ރިވެތި އަޚްލާގަކާއި ފުރިހަމަ ތަރުބިއްޔަތެއްގެ މަތީގައި ބޮޑުވެގެން އަންނަ ދަރީންތަކަކަށް ހަދަން ޖެހެއެވެ. އެއީ މައިބަފައިންނާއި ބެލެނިވެރީންގެ ޒިންމާއެކެވެ.