މިދިޔަ ހޯމަ ދުވަހު ކަންނެލީގެ މަސްވެރިކަން ކުރުމަށް ދިޔަ ދޯންޏެއްގެ ޚަބަރެއް ނުވެގެން، އެ ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނާ ގޮތުގައި، ގެއްލިގެން ހޯދަމުން ދަނީ އދ. ހަންޏާމީދޫގެ "އަޖުމަ" ނަމަކަށް ކިޔާ ދޯންޏެކެވެ.

މި ދޯނި މިދިޔަ ހޯމަ ދުވަހު ކަންނެއްޔަށް ނުކުތީ 13 މީހުންނާ އެކު، ރ. ރަސްގެތީމުންނެވެ.

މި ދޯންޏަކީ ދިގުމިނުގައި 78 ފޫޓު ހުންނަ، ގަދަ ނޫ ކުލައިގެ ދަވާދުލާފައިވާ ދޯންޏެކެވެ. އަދި މި ދޯނީގައި ރަތް ކުލައިގެ ގެގަނޑެއް ހުންނަ ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

މި ދޯންޏާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑުގެ ހޮޓްލައިން 191 އަށް، ނުވަތަ 3395981 އަދި 3398898 އަށް ގުޅައި، މައުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފުން އެދެއެވެ.