17 Sep 2016, 20:39
މިމަހުގެ 11 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަލީ އަސީލަށް އިތުފަރުވާ ދިނުމަށް އިންޑިއާ އަށް ފޮނުވާލައިފިއެވެ.
ސަންއާ ވާހަކަދައްކަމުން އަސީލްގެ މަންމަ ބުނީ މިއަދު ހަވީރު 5:00 ހާއިރު އަސީލް އިންޑިއާ އަށް ފޮނުވާލީ އާއިލާގެ ބައެއް މެމްބަރުންނާއި ނަރުހަކާ އެކު ކަމަށެވެ.
އަސީލްގެ މަންމަ ބުނީ އޭނާގެ މައިބަދައިގެ ދެ ބަދައެއް ހަލާކުވެ އިތުރު ހަ ބަދަޔަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށާއި އެކަން އެނގުނީ މާލެ ގެނެސް އައިޖީއެމްއެޗުން އެކްސްރޭތަކެއް ނެގުމުން ކަމަށެވެ.
މާލެ ގެނައިއިރު އަސީލްގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ފަރުވާ ދިނުމުގައި ހދ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ ޑޮކްޓަރު އިހުމާލުވެފައިވާ ކަމަށް އަސީލްގެ މަންމަ ބުންޏެވެ.
"އެކްސިޑެންޓު ހިނގުމާއެކު އަސީލް ހޮސްޕިޓަލަށް ގެންދިޔުމުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑޮކްޓަރު ވިދާޅުވީ އޭނާ މަކަރު ހަދަނީ ކަމަށް. އަޅުގަނޑުމެން އޭނަ މާލެ ފޮނުވަން އެދުނީމަ ޑޮކްޓަރު ވިދާޅުވީ ކީއްކުރަންހޭ. ވަރަށް މަސައްކަތުން ހޮސްޕިޓަލްގެ އިސްވެރިޔާއާ ވާހަކަދައްކައިގެން އަސީލް މާލެ ގެނެވުނީ،" އަސީލްގެ މަންމަ ބުންޏެވެ.
އަސީލްގެ މަންމަ ބުނީ، ޑޮކްޓަރު އިހުމާލުވި ކަމަށް ކުރާ ތުހުމަތު ސާބިތުކޮށްދެވޭނެ ކަމަށާއި އަސީލް މަކަރު ހަދަނީ ކަމަށް ޑޮކްޓަރު ވިދާޅުވީ އާއިލާގެ ގިނަ ބައެއްގެ ހާޒިރުގައި ކަމަށެވެ.
"އާއިލާގެ ގިނަ މީހުން ތިއްބައި ޑޮކްޓަރު ވިދާޅުވީ އަސީލް މަކަރު ހަދަނީއޭ. އަޅުގަނޑު ހުރި ދުވަހެއްގައި ވެސް ޑޮކްޓަރު ވިދާޅުވި ކީއްވެހޭ އަސީލަށް ނުހިނގެންވީ،" އަސީލްގެ މަންމަ ބުންޏެވެ.
މާލެ ގެނެސް އައިޖީއެމްއެޗުން ނެގި އެކްސްރޭތަކުން، އަސީލްގެ މައިބަދައިގެ ހަ ބައެއް ހަލާކުވެފައިވާކަން އެނގުނުއިރު، ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޑޮކްޓަރު ދެއްކެވި ވާހަކަތަކާއި އެކްސްރޭގެ ނަތީޖާ ދިމާނުވުމަކީ އޭނާގެ އިހުމާލު އޮތްކަމުގެ ހެއްކެއް ކަމަށް ވެސް އަސީލްގެ މަންމަ ބުންޏެވެ.
"އެހެންވީމަ ވީއެންމެ އަވަހަކަށް އަޅުގަނޑުމެން އެ ޑޮކްޓަރުގެ މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނަން،" އަސީލްގެ މަންމަ ބުންޏެވެ.
އަސީލްގެ މަންމަ ބުނީ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދިނުމަށްފަހު އެ ހޮސްޕިޓަލްގައި ކަށީގެ ޑޮކްޓަރަކު ނެތިގެން ދެން އޭނާ ބަދަލުކުރީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށެވެ. އެ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު އަތްމަތި ދަތިވެގެން އަނެއްކާވެސް އޭނާ އައިޖީއެމްއެޗަށް ބަދަލުކުރީ ކަމަށާއި އިންޑިއާ އަށް ފުރުމާ ހަމަޔަށް އަސީލް އޮތީ އައިޖީއެމްއެޗުގައި ކަމަށް އޭނާގެ މަންމަ ބުންޏެވެ.
މިކަމާ ގުޅޭގޮތުން ކުޅުދުއްފުށީ ހޮސްޕިޓަލުގެ ބަހެއް ހޯދުމަށް، އެ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުންނެވި ފަރާތަށް ގުޅުމުންވެސް ފޯނު ނުނަންގަވާތީ ހޮސްޕިޓަލްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.