މި އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދުގެ ބަންދާ ގުޅިގެން ހަފްތާއަކަށް ސަރުކާރު ބަންދު ކުރުމަށްފަހު، މާދަމާ ސަރުކާރުގެ ރަސްމީ މަސައްކަތްތައް އަލުން ފަށާނެ އެވެ.

ހައްޖާއި އީދާ ގުޅިގެން ޖުމްލަ ނުވަ ދުވަހުގެ ޗުއްޓީއަކަށް، ސަރުކާރާއި ގިނަ އަމިއްލަ ކުންފުނިތަކުން ދިޔައީ މި މަހުގެ އަށެއް ވީ ބުރާސްފަތި ދުވަހުގެ މަސައްކަތަށް ފަހު އެވެ. އެއަށް ފަހު އައި ހަފްތާ ބަންދަށް ފަހު، މި އަހަރުގެ ހައްޖު ދުވަސް ދިމާވީ ސެޕްޓެމްބަރު 11 ވީ އާދީއްތަ ދުވަހަށެވެ. އަދި ހައްޖު ދުވަހަށް ފަހު އަންނަ އަޟްހާ އީދު ދުވަސް ދިމާވީ ސެޕްޓެމްބަރު 12 ވީ ހޯމަ ދުވަހަށެވެ.

ހައްޖު ދުވަހާއި އަޟްހާ އީދުގެ އިތުރުން، އީދަށް ފަހު ޖެހިގެން އަންނަ ތިން ދުވަހަކީ ޢީދު ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ކަނޑައަޅާފައިވާ ރަސްމީ ބަންދު ފަސް ދުވަހެވެ. ޢީދު ބަންދުގެ ތިންވަނަ ދުވަސް ދިމާވީ ސެޕްޓެމްބަރު 15 ވީ ބުރާސްފަތި ދުވަހަށެވެ.

ހައްޖާއި އީދު ބަންދުގެ ފަސް ދުވަހާއި ދެ ހަފްތާގެ ހަފްތާ ބަންދާއި އެކު ޖުމްލަ ނުވަ ދުވަހު ސަރުކާރު ބަންދުކޮށްފައި އޮތް ނަމަވެސް، ސެޕްޓެމްބަރު 14 ވީ ބުދަ ދުވަހު ބޭންކުތައް ހުޅުވައި، އެތަންތަނުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނެވެ.

ހައްޖު ދުވަހާއި އީދު ދުވަހާ ގުޅިގެން ލިބުނު ނުވަ ދުވަހުގެ ޗުއްޓީއަށް، މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ އަތޮޅު ތެރެއަށް ދަތުރުކޮށްފައެވެ. އަދި ބައެއް މީހުން ރާއްޖެއިން ބޭރަށް ދަތުރު ކުރި ކަން ވެސް ފާހަގަ ކޮށްލެވެ އެވެ.

މި އަހަރު ރާއްޖެއިން 2،000 މީހުންގެ އިތުރުން، ސައުދީ ރަސްގެފާނުގެ ޚާއްސަ މެހެމާނުންގެ ގޮތުގައި 14 މީހަކު ސައުދީ އަރަބިއްޔާއަށް ހައްޖު ވުމަށް ދިޔައެވެ. ދިވެހި ހައްޖާޖީންގެ ފުރަތަމަ ފްލައިޓު މިއަދު ސައުދީ އަރަބިއްޔާއިން އެނބުރި ރާއްޖެ އައިސްފައި ވާ އިރު، އެހެން ހާޖީން ވެސް މި ފެށޭ ހަފްތާ ތެރޭގައި އެނބުރި ރާއްޖެ އަންނަން ފަށާނެ އެވެ.