އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ކުރީގެ ތަގުރީރެއް ކޮޕީ ކުރި ކަމަށް ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީގެ އޮފީހުން އިއުތިރާފުވެއްޖެއެވެ.

ނައިޖީރިއާއިން ކޮރަޕްޝަން ފޮހެލުމަށްޓަކައި މިދިޔަ ހަފްތާގައި ލޯންޗުކުރި ޚާއްސަ ކެމްޕޭނު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެގައުުމުގެ ރައީސް މުހައްމަދު ބުހާރީ ވަނީ އެމެރިކާގެ ރައީސް އޮބާމާ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ދެއްވި ތަގުރީރެއްގައި ދެއްކެވި ވާހަކަތަކެއް ބަހުން ބަހަށް ވިދާޅުވެފައެވެ.

ރައީސް ބުހާރީ ވިދާޅުވީ މީގެ ކުރީއްސުރެ ނައިޖީރިއާ ވިހަކުރި "ނާތަހުޒީބު" މީހުންނާ އެއް ހަމައަށް ރައްޔިތުން ނުވެއްޓުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ދެހާސް އަށްވަނަ އަހަރުގެ ނޮވެމްބަރު މަހު އޮބާމާގެ ތަގުރީރެއްގައި ވެސް ހަމަ މިފަދައިން ވިދާޅުވެފައިވާތީ، ރައީސް ބުހާރީ ރައީސް އޮބާމާ ކޮޕީ ކުރެއްވީ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ރައީސް ބުހާރީއަށް ސޯޝަލް މީޑިއާގައި މަލާމާތް ވެސް ރައްދު ކޮށްފަ އެވެ.

މިކަމާ ގުޅިގެން އިއްޔެ ނައިޖީރިއާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ބުހާރީގެ ތަހުރީރުގައި ހިމެނޭ ޕެރެގްރާފެއް، އެމެރިކާގެ ރައީސް އޮބާމާގެ ކުރީގެ ތަގުރީރެއްގައިވާ ބަޔަކާ ވަރަށް އެއްގޮތް ކަމަށެވެ.

އަދި ދެ ތަގުރީރުގައި ވާ އެއްގޮތްކަމަކީ އިއްތިފާގަކަށް ވާ ވަރަށް ވުރެ ވެސް އެއްގޮތް ދެ ބައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ބުހާރީގެ އޮފީހުން ބުނީ، ބަރަކް އޮބާމާގެ ތަގުރީރު ކޮޕީ ކުރުމުގެ "މިސްޓޭކް" ހެދި ކަމަށް އެ އޮފީހުގެ ޑިރެކްޓަރަކު އިއުތިރާފުވެފައިވާ ކަމަށާއި، އޭނާގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މީގެ އިތުރުން ނައިޖީރިއާގެ ރައީސް އޮފީހުން ބުނީ، މި ހާދިސާ "ދޫކޮށްލައި"، ގައުމުގައި މިވަގުތު ބޮޑުވެފައިވާ ކޮރަޕްޝަނުގެ މައްސަލަތަކަށް ނައްތާލުމަށް ސަމާލުކަން ދިނުމަށް ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ.