17 Sep 2016, 20:47
މިދިޔަ ސީޒަނުގައި ޗެލްސީއަށް ދިމާވި ގޮތް މިފަހަރުގެ ސީޒަނުގައި ތަކުރާރުވާން ބެނުން ނޫން ނަމަ ޗެލްސީގެ ކުޅުންތެރިން ހުރިހާ މެޗެއްގެ ކޮންމެ ވަގުތުކޮޅަކަށް ވެސް ވަރަށް ބޮޑަށް ފަރުވާތެރި ވާން އެޓީމުގެ ކުޅުންތެރީންނަށް ކޯޗު އެންޓޯނިއޯ ކޮންޓޭ އިލްތިމާސް ކޮށްފިއެވެ.
އިނގިރޭސި ލީގުގައި ރޭ ލިވަޕޫލް އަތުން 2-1ގެ ނަތީޖާއަކުން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ކޮންޓޭ ބުނީ ކޮންމެ މެޗަކަށް ވެސް ނިކުންނައިރު އިނދިކޮޅު ޓީމަށް ސަމާލުވާން ޖެހޭނެ ކަމަށާއި ކޮންމެ ސިކުންތަކު ވެސް ނަތީޖާ އެނބުރި ދާނެ ކަމަށެވެ.
ރޭގެ މެޗު ލިވަޕޫލުން ކާމިޔާބުކުރީ ފުރަަަތަމަ ހާފްގައި އެ ޓީމުގެ ޑިފެންޑަރު ޑޭޔާން ލޮވްރެން އާއި ކެޕްޓަން ޖޯޑަން ހެންޑަސަން ކާމިޔާބް ކޮށްދިން ގޯލުންނެވެ. ޗެލްސީއަށް ސުން ކަނޑުވާލަ ދިން ގޯލު ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ މިސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ޑިއެގޯ ކޯސްޓާ އެވެ.
"ތެދު ތެދަށް ބުނާނަމަ ފުރަތަމަ ހާފްގައި ޗެލްސީ އިން އެ ވަނީ ލިވަޕޫލަށް ދެ ގޯލު ހަދިޔާ ކޮށްފަ. އެފަދަ ހާލަތެއްގައި ލިވަޕޫލް ކަހަލަ ޓީމެއް އަތުން މޮޅުވުމަކީ ވަރަށް އުނދަގޫ ކަމެއް. އެ މަންޒަރު އެ މެޗުން ވެސް ފެނިގެން އެ ދިޔައީ،" ކޮންޓޭ ބުންޏެވެ.
ރޭގެ މެޗަކީ، މިސީޒަނުގައި ޗެލްސީގެ ކޯޗު ކަމާ ކޮންޓޭ ހަވާލުވި ފަހުން އެ ޓީމް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.
"އަހަރެން ނުބަލަން މިއީ އަހަރެންގެ ކިތައްވަނަ ބަލިތޯއެއް. އަހަރެންނަށް މައްސަލައެއް ނެތް އަހަރެންގެ ފުރަތަމަ ބަލި ކަމުގައިވީ ނަމަ. ނަމަވެސް މިއީ ޗެލްސީއަށް މިސީޒަނުގައި ދިމާވި ފުރަތަމަ ބަލި. އެކަމާ އަހަރެން ކަންބޮޑުވޭ،" ކޮންޓޭ ބުންޏެވެ.
ކޮންޓޭ ބުނީ ޗެލްސީ އަކީ އާދައިގެ ޓީމެއް ނޫން ކަމަށާއި ޗެލްސީ އަކީ މޮޅު ވަރުގަދަ ޓީމެއް ކަމަށެވެ. ނަމަވެސް އެކަން ދެމެހެއްޓުމަށްޓަކައި މެޗުތަކުން މޮޅުވާން ޖެހޭނެ ކަމަށެވެ.