ދަހޭގް : ކުރީގެ ޔުގޮސްލޭވިޔާގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ބެލުމަށް އދ. ން އުފައްދާފައިވާ ޚާއްސަ ކޯޓަށް، ބޮސްނިޔާ ސާބުންގެ ކުރީގެ ޢަސްކަރީ ލީޑަރު ޖެނެރަލް ރަޓްކޯ މުލަޑިޗް ޙާޒިރުކޮށް އޭނާއާ ސުވާލު ކޮށްފި އެވެ.

މުލަޑިޗް ގެ މައްޗަށް ކުރެވިފައިވާ، ބޮސްނިޔާގެ މުސްލިމުންގެ ނަސްލު ނައްތާލުމައް މަސައްކަތް ކުރުމުގެ ތުހުމަތާއި އެމީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން މުލަޑިޗް ވިދާޅުވީ އޭނާ ކުރިކަމެއްކުރީ ސާބު ދަރިކޮޅުގެ މީހުންނާއި އޭނާގެ ޤައުމުގެ ދިފާޢުގައި ކަމުގަ އެވެ.
ބަލްކަންގެ ޤާތިލްގެ ނަމުން މަޝްހޫރުވެފައިވާ މުލަޑިޗް ވިދާޅުވީ އޭނާއަކީ ބަލިމީހެއް ކަމަށާއި އޭނާގެ ބަލިޙާލަތު ބަޔާންކުރުމަށް ބަންދު ޖަލްސާއެއް ބާއްވައި ދިނުމަށެވެ.

މުލަޑިޗްގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކުގެ ތެރޭގައި، ބޮސްނިޔާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގުމާއި ބޮސްނިޔާ މުސްލިމުންގެ ނަސްލު ނައްތާލުމަށްޓަކައި މުސްލިމުންނާ ދެކޮޅަށް ޤަތްލުޢާންމުތައް ހިންގުމާއި މީގެތެރެއިން ސްރިބްރިނިއްސާ ޤަތުލު ޢާންމުގައި މަރާލި އަށް ހާސް މުސްލިމުން މެރުމުގައި ޢަމަލީގޮތުން ބައިވެރިވުން ހިމެނެއެވެ.

ސާބިޔާގެ ސަލާމަތީ ބާރުތަކުން މުލަޑިޗް ހައްޔަރުކޮށްފައިވަނީ ފިލައިގެން އުޅުއްވާތާ 16 އަހަރުފަހުން މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެއަށްފަހު ސަރބިޔާ ސަރުކާރުން އޭނާ ދަހޭގަށް އޭނާ ގެންގޮސް އދ. ގެ ކޯޓާ ޙަވާލުކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މުލަޑިޗްގެ ދިފާޢުގައި ޙަރަކާތްތެރިވާ ޤާނޫނީ ވަކީލުންގެ ސްޓްރެޓެޖީއަކީ މުލަޑިޗްއަކީ ބަލި މީހެއްކަން ސާބިތުކޮށްދީގެން އޭނާގެ މައްޗަށް ޝަރީޢަތް ނުހިންގޭނެގޮތެއް ވޭތޯ ބެލުން ކަމަށް މުރާސިލުން ބުނެއެވެ.
މުލަޑިޗްގެ މައްޗަށް ހިންގާ ޝަރީޢަތުގައި އިއްޔެ ބޭއްވި އަޑުއެހުމަށްފަހު ދެވަނަ އަޑުއެހުމެއް ބޭއްވޭނީ އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކަމަށް އދ. ކޯޓުން ބުނޭ. -- ބީބީސީ


http://www.youtube.com/watch?v=ga348viE8Ck