އައިއެސް ހަނގުރާމަވެރީންގެ ޖިންސީ އަޅުވެތިކަމުން މިނިވަންވި އިރާގުގެ އަންހެނަކު، އދ.ގެ ގުޑްވިލް އެމްބެސެޑަރަކަށް ހަމަޖައްސައިފިއެވެ.

އިންސާނީ ވަގުފާރީގެ ޝިކާރައަށްވެ، ސަލާމަތްވާ ފަރާތްތަކުގެ ކަރާމާތަށް މަސައްކަތްކުރާ އދ.ގެ ގުޑްވިލް އެމްބެސެޑަރަކަށް މިދިޔަ ހުކުރު ދުވަހު ހަމަޖައްސާފައިވަނީ، އިރާގުގެ ޔަޒީދީ ދަރިކޮޅަށް ނިސްބަތްވާ، އުމުރުން 23 އަހަރުގެ ނާދިއާ މުރާދު ބާސީ ޠާޙާ އެވެ.

އައިއެސް ހަނގުރާމަވެރީންގެ އަތްދަށަށް ނާދިއާ ގެންދިޔައީ، 2014 ވަނަ އަހަރުގެ އޯގަސްޓްމަހު، އިރާގުގެ އުތުރުގައި އޮންނަ ސިންޖާރުގެ ވިލެޖެއް ކަމަށްވާ ކޮޗޯ ހަނގުރާމަވެރީން ހިސޯރުކުރުމަށް ފަހުއެވެ. އެގޮތުން އައިއެސްގެ ބާރުގެ ދަށުގައި އޮތް އިރާގުގެ މޫސަލްއަށް ނާދިއާ ގެންދިއުމަށް ފަހު، އެނާ ގޭންގު ރޭޕުކޮށް، ޖިންސީ އަޅެއްގެ ގޮތުގައި އެތަކެއް މީހުން ގަނެވިއްކާފައިވާކަމަށް އަލް-އަރަބިއްޔާގައި ރިޕޯޓުކޮށްފައި ވެއެވެ.

ނާދިއާ މުރާދު ވަނީ، 2014 ވަނަ އަހަރު އައިއެސް ހަނގުރާމަވެރީން ޔަޒީދީންނާ ދެކޮޅަށް ދިން ހަމަލާއަކީ ގަތުލުއާންމެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭކަމަށް ގޮވާލައިފައެވެ.

"އެމީހުން ވަނީ އެމީހުން ބޭނުންވާ ގޮތަށް އަހަރެންގެ ބޭނުން ހިފާފައި. އަހަރެން އެކަންޏެއް ނޫން،" އދ.ގެ ހެޑްކުއާޓަރުގައި އޮތް އިހްތިފާލެއްގައި ނާދިއާ ކިޔައިދިނެވެ.

"އަހަރެންގެ ނަސީބު ރަނގަޅީ ކަމަށް ވެދާނެ. ދުވަސްތައް ފާއިތުވަމުން ގޮސް، ހަނގުރާމަވެރީންގެ އަޅުވެތިކަމުން ސަލާމަތް ނުވެވި ތިބި އެތަކެއް ހާސް މީހުންގެ ތެރޭން އަހަންނަށް ސަލާމަތް ވެވުނީ. އެމީހުން އަދިވެސް އަޅުވެތިކަމުގައި."

ނާދިއާ ވަނީ، އޭނާއަށް ކުރިމަތިވި ހިތްދަތި ދުވަސްތަކުގެ ވާހަކަތައް މީގެ ކުރީންވެސް މީޑިއާތަކާ ހިއްސާކޮށްފައެވެ. އެގޮތުން، އަޅުވެތިކޮށްފައި ތިބި އެތަކެއް ހާސް އަންހެނުން، އައިއެސްގެ އިސްވެރިންގެ އަމުރުތަކަށް ކިޔަމަން ނުވެއްޖެނަމަ، އެމީހުންނަށް ޖިންސީ އަނިޔާގެ އިތުރުންވެސް، ލާއިންސާނީ އެތަކެއް އަނިޔާތަށް ކުރާކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެމީހުންނަކީ އިންސާނުންގެ ގިންތިއަށް ފެތޭ ބައެއްނޫން" ނާދިއާ މީގެ ކުރީން ބުނެފައިވެއެވެ.

އައިއެސް ހަނގުރާމަވެރީން ޖިންސީ އަޅުންގެ ގޮތުގައި ގެންގުޅޭ 3,200 ވަރަކަށް ޔަޒީދީ އަންހެނުންނަށް އިންސާފު ހޯދައިދިނުމަށްވެސް ނާދިއާ ގޮވާލިއެވެ.

"އަހަރެން މިހާރު އެންމެ ބޮޑަށް ޖެހިލުންވަނީ އައިއެސް ހަނގުރާމަވެރީން ބަލިވެ، އައިއެސްގެ ޓެރަރިސްޓުން ތުނބުޅިބާލައިގެން، ކަމެއް ކުރި ބަޔެކޭވެސް ހިނުވާގޮތަށް މަގުތަކަށް ނުކުމެ އުޅެފާނެތީ،" އޭނާ ބުންޏެވެ.

"އެފަދައިން ކަންތައް ވާން އަހަރެމެން ދޫކޮށެއް ނުލެވޭނެ."

ނާދިއާ ބުނީ، އޭނާގެ އުންމީދަކީ، ނަހަމަގޮތުގައި ޔަޒީދީ އަންހެނުންގެ ބޭނުން ހިފި މީހުން ކޮންމެވެސް ދުވަހަކުން ދަ ހޭގުގައި ހުންނަ ބައިނަލްއަގުވާމީ ކޯޓަށް ހާޒިރުކޮށް އެމީހުންނަށް ލިބެންޖެހޭ އިންސާފާއި ހައްގު ލިބުން ކަމަށެވެ.

އދ.ގެ ގުޑްވިލް އެމްބެސެޑަރެއްގެ ގޮތުގައި ނާދިއާ މަސައްކަތްކުރާނީ ބައިނަލްއަގްވާމީ ލޯޔަރު އަމާލް ކުލޫނީއާއެކުއެވެ.