17 Sep 2016, 12:35
ޗެނަލް 13 ނޫސްވެރިޔާ ބަހާއުﷲ އިބްރާހީމާ މެދު މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ސަންއާ ވާހަކަދައްކަމުން ބަހާއު ބުނީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ގެމަނަފުށީ ފުޓުބޯޅަ ދަނޑުގެ ތެރޭގައި އޭނައާ މެދު މާރާމާރީ ހިންގާފައި ވަނީ ދެ މީހަކު ކަމަށެވެ. ބަހާއު ތުހުމަތު ކުރާގޮތުގައި އޭނައާ މެދު މާރާމާރީ ހިންގީ ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން އޮފިސަރަކާއި ފިއުލްސަޕްލައި މޯލްޑިވްސްގެ މުވައްޒަފެކެވެ. އެ ދެ މީހުންނަކީ ވެސް ގެމަނަފުއްޓަށް ނިސްބަތްވާ ދެ މީހުން ކަމަށް އޭނާ ބުންޏެވެ.
ބަހާއު ބުނީ އެރަށުގައި ކުރިއަށް ދިޔަ ފުޓުބޯޅަ މުބާރާތެއްގެ ތެރޭގައި ދެ ޓީމެއްގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ހިނގި ކަމަށާއި އެކަން ވަނީ ސުލްހަކޮށްފައި ކަމަށެވެ. ނަމަވެސް އޭގެ ފަހުން ކަމާ ނުބެހޭ ދެ މީހަކު ގޮސް އޭނައާ މެދު މާރާމާރީ ހިންގީ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނައާ މެދު އެ ދެ މީހުން މާރާމާރީ ހިންގި މަންޒަރު 20 ވަރަކަށް މީހުންނަށް ފެންނާނެ ކަމަށް ވެސް ބަހާއު ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގަށް ރޭގެ ވަގުތެއްގައި ފުލުހުންނަށް ބަޔާނެއްދީފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑު އެ ދެ މީހުންނަށް މައާފެއް ނުކުރާނަން. ދެން މި މައްސަލައާ މެދު ގޮތެއް ނިންމާނީ ޝަރީއަތުން. ދައުލަތުގައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އަޅުގަނޑަށް އިންސާފު ލިބޭނެ ކަމަށް އުންމީދު ކުރަން،" ބަހާއު ބުންޏެވެ.
ފުޓުބޯޅަ މުބާރާތުގެ ޚަބަރުތައް ބޭނުންހާ ގޮތަކަށް ނުލިޔެވޭނެ ކަމަށް ބުނެ މާރާމާރީ ހިންގުމުގެ ކުރިން އެ ދެ މީހުން ވަނީ އޭނައަށް އިންޒާރުދީފައި ކަމަށް ވެސް ބަހާއު ބުންޏެވެ.
އެ މާރާމާރީގައި އެހާ ބޮޑު އަނިޔާއެއް ނުވާ ކަމަށް އޭނާ ބުންޏެވެ.