17 Sep 2016, 12:09
ވޮޝިންޓަން (ސެޕްޓެމްބަރު 17): އިސްރާއީލުގައި 200 ނިއުކްލިއާ ހަތިޔާރު ހަދާފައިވާ ކަމަށާއި އެ ހަތިޔާރު "އަމާޒު ކޮށްފައި ވަނީ އީރާނާ ދިމާލަށް" ކަމަށް އެމެރިކާގެ ކުރީގެ ސެކްރެޓަރޯ އޮފް ސްޓޭޓް ކޮލިން ޕަވެލް ވިދާޅުވެފައިވާ އީމެއިލްތަކެއް ލީކުވެއްޖެ އެވެ.
ޕަވެލްގެ ޖީމެއިލް އެކައުންޓުގައިވާ އީމެއިލްތަކެއް މިދިޔަ ބުދަ ދުވަހު ލީކު ކޮށްފައި ވަނީ ޑީސީލީކްސް ކިޔާ ވެބްސައިޓަކުންނެވެ. އެއީ ސައްހަ އީމެއިލްތަކެއް ކަމަށް ޕަވެލްގެ ތަރުޖަމާނު ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.
އިސްރާއީލުން ނިއުކްލިއާ ހަތިޔާރު އުފައްދާ ކަމަށް މީގެ ކުރިން އެގައުމުން ބުނެފައެއް ނުވެ އެވެ. އަދި އެކަން ދޮގު ކޮށްފައި ވެސް ނުވެ އެވެ. ނަމަވެސް ޕަވެލްގެ ލީކުވެފައިވާ އީމެއިލެއްގައިވާ ގޮތުން އިސްރާއީލުން 200 ނިއުކްލިއާ ހަތިޔާރު އުފައްދާފައިވެ އެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދި ނަމަވެސް، އެގައުމުން އެހަތިޔާރު ބޭނުން ނުކުރާނެ ކަން ޔަގީން ކުރުމަށް ޓަކައި އިސްރާއީލުގެ ހަތިޔާރުތައް ވަނީ އީރާނާ ދިމާލަށް އަމާޒުކޮށްފަ އެވެ.
"އީރާނުން [ނިއުކްލިއާ ހަތިޔާރު] އުފެއްދި ނަމަވެސް އެބޭނުމެއް ނުކުރެވޭނެ. އެމީހުންނަށް އިނގޭ އިސްރާއީލުންގެ އަތުގައި 200 [ނިއުކްލިއާ ހަތިޔާރު]ވާ ކަން އަދި އެ ހުރިހާ އެއްޗެއް އަމާޒުކޮށްފައި ވަނީ ތެހެރާނާ ދިމާލަށް ކަން،" ޕަވެލްގެ ވިޔަފާރި ޕާޓްނަރެއް އަދި ޑިމޮކްރަޓިކް ޕާޓީއަށް ހަރަދު ކުރާ ފަރާތެއް ކަމަށްވާ ޖެފެރީ ލީޑްސްއަށް ޕަވެލް ފޮނުވި އީމެއިލެއްގައިވެ އެވެ.
މިދިޔަ އަހަރު ޕަވެލް އެމެއިލް ފޮނުވާފައި ވަނީ އީރާނާއި އެމެރިކާގެ ނިއުކްލިއާ އެއްބަސްވުމާ ދެކޮޅަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކޮންގްރެސްގައި ތަގުރީރެއް ދެއްވުމާ ގުޅިގެންނެވެ. އީރާނުން ޔޫރަޕްގެ ގައުމުތަކާ އެކު ހެދި ނިއުކްލިއާ އެއްބަސްވުމުގައިވާ ގޮތުން އެ ގައުމުން ޔޫރެނިއަމް ފައްކާ ކުރުމުގެ ގާބިލުކަން ދަށްކޮށްފި ނަމަ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލާނެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާންޓްމެންޓުން އެކަމާ ބެހޭ ގޮތުން ކޮމެންޓުކޮށްފައެއް ނުވެ އެވެ.
ޕަވެލްގެ އީމެއިލްތަައް ލީކުކޮށްލާފައި ވަނީ އެމެރިކާ އިން އިސްރާއީލަށް ކުރިއަށް އޮތް 10 އަހަރު ތެރޭ 38 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއި ކުރި ދުވަހު އެވެ. އެއީ އެމެރިކާގެ ތާރީހުގައި އެހެން ގައުމަކަށް ދިނުމަށް އެއްބަސްވެފައިވާ އެންމެ ބޮޑު އަސްކަރީ އެހީ އެވެ. (އާރުޓީ)