ފްރާންސް ފުޓްބޯޅަ މަޖައްލާ އާއި ފީފާ ގުޅިގެން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާއަށް ދެމުން އައި ބެލޮންޑިއޯ އެވޯޑާ ވަކިވާން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ނިންމައިފި އެވެ.

ބެލޮންޑިއޯ އެވޯޑަކީ ފްރާންސްގެ ފުޓްބޯޅަ މަޖައްލާ އަކުން 1956 ވަނަ އަހަރު ތައާރަފްކުރި އެވޯޑްއެކެވެ. ނަމަވެސް ވޭތުވެ ދިޔަ ހަ އަހަރު ފީފާ އާއި ފްރާންސް ފުޓްބޯޅަ މަޖައްލާއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފީފާ އިން ހޮވާ ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދެމުން އައީ ބެލޮންޑިއޯ އެވެ.

ނަމަވެސް ބެލޮންޑިއޯ އެވޯޑުން ފީފާ ވަކުވުމާ ގުޅިގެން ދުނިޔޭގެ މޮޅު ކުޅުންތެރިއާ އަށް ފީފާއިން ވަކިން އެވޯޑެއް ދިނުމަށް ވަނީ ނިންމައިފައެވެ. އަދި ފްރާންސްގެ ފުޓްބޯޅަ މަޖައްލާ އިން ވެސް 60 އަހަރުވީ އެ އެވޯޑް މެދުކަނޑާ ނުލައި ދޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެ މަޖައްލާ އިން ބެލޮންޑިއޯއާ ގުޅޭ އިތުރު ތަފްސީލެއް ހާމަކުރާނީ އަންނަ އަންގާރަ ދުވަހު ކަމަށް ބުނެފައިވެ އެވެ.

ފީފާ އިން ބެލޮންޑިއޯ ދީފައިވާ ހަ އަހަރުގެ ތެރެއިން ހަތަރު ފަހަރު އެވޯޑް ގެންގޮސްފައި ވަނީ ބާސެލޯނާ އާއި އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އެވެ. އަނެއް ދެ ފަހަރު އެވޯޑް ގެންދިޔައީ ރެއާލް މެޑްރިޑާއި ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ފީފާއިން ބެލޮންޑިއޯއާ ގުޅުމުގެ ކުރިން އެންމެ ގިނަ ފަހަރު އެ އެވޯޑް ހޯދާފައި ވަނީ ތިން ފަހަރު ހޯދި، ފްރާންސްގެ މިޝޭލް ޕްލެޓިނީ އާއި ނެދަލެންޑްސްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ޔޮހާން ކްރައިފް އަދި މާކޯ ވޭން ބާސްޓެން އެވެ.