17 Sep 2016, 11:04
ފިލްމުތަކުގައި އަދާކޮށްފައިވާ "މޮޅު" ރޯލުތަކާއި ފިލްމީ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން، ބޮލީވުޑުގެ އެކްޓްރެސް ކެޓްރީނާ ކައިފް އަށް "ސްމިތާ ޕާޓިލް މެމޯރިއަލް އެވޯޑު" ދޭން ނިންމައިފި އެވެ.
"ސްމިތާ ޕާޓިލް މެމޯރިއަލް އެވޯޑު" އަކީ ކުޅަދާނަ އެކްޓްރެސް ސްމިތާ ޕާޓިލްގެ ހަނދާނުގައި ޕްރިޔަދަރްޝްނީ އެކެޑަމީ ގްލޯބަލް އެވޯޑް އިން ދެމުން އަންނަ އެވޯޑެކެވެ.
ކެޓްރީނާ އަށް އެވޯޑު ހަވާލު ކުރުން އޮންނާނީ އަންނަ އާދީއްތަ ދުވަހު މުމްބާއީގައެވެ.
އެ އެވޯޑަކީ ފިލްމުތަކުގައި ދައްކުވައިދީފައިވާ ހުނަރުވެރި ކަމަށާއި އެކްޓިންގގެ މޮޅުކަމަށް ބަލާފައި ދޭ އެވޯޑެކެވެ. އެހެންކަމުން ކެޓްރީނާއަށް އެ އެވޯޑު ލިބުން ހައްގުތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ އެކަމަށް ޖޯކު ޖަހަމުންނެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނަ އިރު އެމީހުން ބުނަމުން ގެންދަނީ އެއީ ސްމިތާ ފަދަ ކުޅަދާނަ އެކްޓަރަކަށް ކުރާ މަލާމާތެއް ކަމަށެވެ.
ސްމިތާ ވަނީ "މަންތަން" އަދި "ބޫމިކާ" ފަދަ ފިލްމުތަކުގައި ތަފާތު މޮޅު އެކްޓިން އެއް ދައްކުވައިދީފައެވެ. އަދި ގިނަ އެވޯޑުތަކެއް ވެސް ވަނީ ހާސިލް ކޮށްފައެވެ.
ޕްރިޔަދަރްޝްނީ އެކެޑެމީ އިން އަންނަނީ 1984 ވަނަ އަހަރުން ފެށިގެން ސްމިތާގެ ހަނދާނުގައި އެވޯޑު ދެމުންނެވެ. އަދި ތާންވީ އަޒްމީ، ސްރީދޭވީ، މަނީޝާ ކޮއިރާލާ، އުރްމިލާ މަތޯންޑްކަރް، ތާބޫ، ވިދްޔާ ބާލަން، އައިޝްވާރްޔާ ރާއި ބައްޗަން، ކަރީނާ ކަޕޫރު ޚާން، ދީޕިކާ ޕަދުކޯން އަދި ޕްރިޔަންކާ ޗޯޕްޅާ ފަދަ ތަރިން ވަނީ އެ އެވޯޑު ހާސިލްކޮށްފައެވެ.