ޔަމަނުގެ ރައީސް އަލީ އަބްދުﷲ ސޯލިހުގެ ގަނޑުވަރަށް ދިން ރޮކެޓް ހަމަލާއެއްގައި ރައީސް ސޯލިހު ޒަހަމްވެއްޖެ އެވެ. ޔަމަނުގެ ސަލާމަތީ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނާ ގޮތުގައި ޔަމަނުގެ ވެރިރަށް ސަންއާގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރުގެ ގޯތިތެރޭގައި ހުރި މިސްކިތަކަށް ރޮކެޓެއް އެރުމުގެ ސަބަބުން ރައީސް އަލީއަބުދުﷲގެ އިތުރުން ބޮޑު ވަޒީރު ވެސް ޒަހަމްވި އެވެ.

" ރިޔާސީ ގަނޑުވަރުގެ މިސްކިތަށް ދިން ހަމަލާއެއްގައި ރައީސް އަލީ އަބުދުﷲ ސޯލިހު ވަނީ ކުޑަކޮށް ޒަހަމްވެފައި،" ޔަމަނުގެ ސަލާމަތީ އޮފިޝަލަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވާކަމަށް އަލްޖަޒީރާ ބުނެ އެވެ. ނަމަވެސް ބޮޑުވަޒީރު އަލީ މުޙައްމަދު މުޖައްވަރު ޒަހަމްވެފައި ވަނީ ކިހާ ވަރަކަށް ކަން އަދި ސާފެއް ނުވެއެވެ.

އޭއެފްޕީއަށް އެ މައުލޫމާތު ދިން ފަހުން ޔަމަނުގެ ގައުމީ ޓީވީއަށް މައުލޫމާތު ދެމުން އެ ގައުމުގެ ސަލާމަތީ ބާރުތަކުން ބުނެފައި ވަނީ ގަނޑުވަރަށް ދިންހަމަލާއަށް ފަހުވެސް އަލީ އަބުދުﷲ ހުންނެވީ ހެޔޮހާލުކޮޅުގައި ކަމަށާއި ވަރަށް އަވަހަށް އޭނާ ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ.

ޔަމަނު ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ރިޔާސީ ގަނޑުވަރަށް ހަމަލާދިނީ ބުދަ ދުވަހުން ފެށިގެން ޔަމަނުގެ ސަރުކާރު ސިފައިންނާ ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ޝައިޚު ސޯދިގު އަލް އަހުމަރުއަށް ވަފާތެރި ހަނގުރާމަވެރިންނެވެ.
"ރިޔާސީ ގަނޑުވަރުގައި ހުންނަ މިސްކިތަށް ހުކުރަށް ވަޑައިގެންނެވި ބޮޑުވަޒީރާއި ޕާލަމެންޓްގެ ރައީސް އަދި ސަރުކާރުގެ އިސް އެތައް ބޭފުޅުންނެއް ވަނީ ޒަހަމްވެފައި." ޔަމަނުގެ ވެރިކަން ކުރާ ޕާޓީ ޖެނެރަލް ޕީޕަލްސް ކޮންގްރެސްގެ ތަރުޖަމާނު ތޯރިގު އައްޝާމީ އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިކަމަށް އަލްޖަޒީރާ ބުންޏެވެ.

" އަހުމަރު ވަނީ ހުރިހާ ރަތްރޮނގުތަކެއް ހުރަސްކޮށްފައި." ތޯރިގު އިތުރަށް ވިދާޅުވެފައި ވެއެވެ.

ރިޔާސީ ގަނޑުވަރަށް ދިން ހަމަލާގެ ޒިންމާ އަހުމަރު ގަބީލާގެ ހަނގުރާމަވެރިންގެ ބޮލުގައި ޔަމަނު ސަރުކާރުން އެޅުވި ނަމަވެސް އެގަބީލާއިން ބުނަނީ އެހަމަލާއަކީ އެމީހުން ދިން ހަމަލާއެއް ނޫން ކަމަށެވެ. އަދި އެއީ ޔަމުގެ މަގުތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުންނަށް ހަމަލާދިނުމަށްޓަކައި ބަހަނާއެއް ހޯދުމުގެ ގޮތުން ސީދާ އަލީ އަބުދުﷲ ސޯލިހުގެ ރޭއްވެވުމުގެ ދަށުން ދިން ހަމަލާއެއް ކަމަށް ވެސް އެމީހުން ބުނެއެވެ.

ޔަމަނުގެ ވެރިރަށް ސަންއާގައި ހުރި ވަކިފަރާތަކަށް ނުޖެހޭ ސިޔާސީ މުހައްލިލަކު އަލްޖަޒީރާއަށް މައުލޫމާތު ދެމުން ބުނިކަމަށް އެއެޖެންސީ ބުނި ގޮތުގައި މިއަދު ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ދިން ހަމަލާގެ ފަހަތުގައި ތިބީ އަހުމަރު ގަބީލާގެ ހަނގުރާމަވެރިން ކަމަށް ބެލެވެއެވެ.

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ރޮކެޓް ހަމަލާއެއް ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި އަހުމަރު ހަނގުރާމެވިންގެ ވެރިޔާ ޝައިޚު ސޯދިގުގެ ކޮށްކޯފުޅު ހާމިދު އަލް އަހުމަރުގެ ގެކޮޅަށް ޔަމަނު ސިފައިން ވަނީ ހަމަލާދީފައެވެ. އަދި ޔަމަނުގެ ސަރުކާރަށް އަޑުއުފުލަމުންދާ ފަރާތްތައް ތިން ދުވަސް ވަންދެން އިށީނދެގެން ތިބި، ސަންއާގެ މެދުތެރޭގައިވާ ޔުނިވަސިޓީއެއްގެ ގޯތިތެރެއަށް ވެސް ޔަމަނު ސިފައިން ވަނީ ތިން ހަމަލާ ދީފައި ކަމަށް އަލްޖަޒީރާ ބުނެއެވެ.

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ހަމަލާ ދިނުމުގެ ކުޑައިރުކޮޅެއް ކުރިން ޔަމަނު ސަރުކާރާ ދެކޮޅު މީހުން ވަނީ ސަރުކާރުސިފައިންގެ ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ ސަންދޯއްތަކެއް ކަމަށް ބުނާ ސަންދޯއްތަކެއް ހިފައިގެން ވެރިރަށް ސަންއާގެ މަގުތަކުގައި ހިނގާލުމެއް ބާއްވާފައެވެ.

ޔަމަނުގެ ވެރިކަމުގައި ހުންނަވާތާ 32 އަހަރުވެފައިވާ އަލީ އަބުދުﷲ ސޯލިހު ވެރިކަމުން ފާބައިވަޑައިގަތުމަށް ގޮވާލާ އެގައުމުގައި މުޒާހަރާކުރަމުންދާ މީހުންގެ ތެރެއިން 50 މީހުން ޔަމަނު ސިފައިން މިދިޔަ އާދީއްތަ ދުވަހުގެ ފަހުން ދިން ހަމަލާތަކުގައި މަރުވެފައިވާ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް އދ. ން ވަނީ ބުނެފައެވެ.