"ނިންދަވަން ވެސް ބައްޕަ ގިޓާ ކުޅެ ޕިއާނޯ ކުޅޭނެ. ހުރިހާ އިންސްޓްރުމަންޓެއް ވެސް ކުޅޭނީ އަހަރެން ގޮވައިގެން ހުރެ. އޭރުއްސުރެ އަހަރެން އުޅުނީ މިއުޒިކުގެ ތެރޭގައި،"

މިއީ ޒީރޯ ޑިގްރީ އެޓޯލްސް ބޭންޑުން ރާއްޖޭގައި އުފެދުނު މިއުޒިކީ ލެޖެންޑް، އަހުމަދު ނާޝިދު (ފުލޫ ނާޝިދު)ގެ ދޮށީ އަންހެން ދަރިފުޅު އަދި ޒުވާން ލަވަކިޔުންތެރިއާ ނިޝް ނާޝިދު، އޭނާ މިއުޒިކީ ދާއިރާއަށް ނުކުމެވުނު ފުރަތަމަ ފިޔަވަޅު އެޅުނު ގޮތެވެ.

ސިއްހީ ހާލަތު ހުރި ގޮތުން ނާޝިދުގެ އަޑެއް ދިވެހިންނަށް މިއަދު ނީވިދާނެ އެވެ. އުމުރުން 53 އަހަރުގެ ނާޝީދު ދަނީ ކެންސަރާ ހަނގުރާމަ ކުރަމުންނެވެ. އޭނާ ދެ ކައިވެންޏެއް ކޮށްފައިވާ އިރު، ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ވަނީ ލިބިފަ އެވެ.

އޭނާގެ އަޑު އިއްވައިދޭން މިއަދު ހުރީ އުމުރުން 25 އަހަރުގެ ނިޝް އެވެ. ހުރިހާ ޝުކުރެއް އޮތީ އޭނާގެ ލޯބިވާ ބައްޕަ އަށެވެ. ބައްޕައެއްގެ އިތުރުން މިއުޒިކަށް އަގު ހުރި މަސައްކަތްތަކެއް ކޮށްދީފައިވާ ފަންނާނަކަށް ކުރާ އިހްތިރާމް ނިޝް، ނާޝިދަށް ކުރެ އެވެ.

ނިޝް ކުޑައިރު ނާޝިދާ އެކު ސަކަރާތް ޖެހުމުގެ ތެރޭގައި: ނިޝް ބުނާގޮތުން ނާޝިދަކީ "ކޫލް" ބެލެނިވެރިއެއްގެ އިތުރުން އާއިލީ ބައްޕައެއް ---

"ބައްޕަ އަކީ އަބަދު ވެސް ވަރަށް ކޫލް ޕޭރަންޓް. ކޮއްކޮއާއި އަހަރެންނާ ބޮޑުވެގެން އައިއިރު ވެސް ބައްޕަ އަބަދުވެސް އަހަރެމެންދެކެ ލޯބިވާނެ. އަބަދުވެސް ބަލާނެ، ލޯބިދޭނެ. ބަލިވި ފަހުން ވެސް މިހާރު ފަސް އަހަރުގެ ކޮއްކޮ އަށް ވެސް ވަރަށް ލޯބިދީ އަޅާލާނެ. ބައްޕައަކީ ވަރަށް އާއިލީ ބައްޕައެއް،" ނާޝިދުގެ އާއިލީ ލޯބި ސަން އާ ހިއްސާކުރަމުން ނިޝް ކިޔައިދިނެވެ.

ނިޝް ބުނި ގޮތުގައި، ނާޝިދަކީ ވަރަށް ސަކަ މިޒާޖެއްގެ މަޖާ މީހެކެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް މީހަކު ހެއްވާލުމަކީ ބައްޕަގެ ގޮތެވެ. އެންމެންގެ ލޯބި ދަމައިގަތުމަށް ގާބިލު އަދި ކަންތައްތަކާ ކެރިގެން ކުރިމަތިލާ އޭނާ ފަހުރުވެރިވާ ފަންނާނެކެވެ. މިއުޒިކުގައި ކުރިއަށް ދިއުމަށް އެހީތެރިވި މުދައްރިބެކެވެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގައި ހިތްވަރުދެއްވާ ލާމަސީލު މިސާލެކެވެ.

"ފަހުން ބައްޕަ ވޯކަލް އަށް ތަމްރީންދިން. ބައްޕަ އަބަދު ވެސް ހިތްވަރުދޭނެ އަމިއްލަ އުފެއްދުންތެރިކަން އިސްކޮށް ކުށެއް ޖެހިދާނެތީ ބިރު ނުގަތުމަށް ހިތްވަރުދޭނެ. ބައްޕަ ބުނާނެ، ތިމާއަށޭ އިނގޭނީ ތިމާ ދައްކާނެ މިއުޒިކެއް، އޭގައި އެއްވެސް ރަނގަޅެއް ގޯހެއް ނޯންނާނޭ. އަބަދުވެސް ބައްޕަ ހިތްވަރުދޭނެ. އަބަދުވެސް އެހީތެރިވެދޭ،" ނިޝް ބުންޏެވެ.

ނިޝްއާއި ނާޝިދު ޝޯއެއްގައި އެކުގައި ހުށަހަޅައިދެނީ: ޒުވާން ލަވަކިޔުންތެރިއާ ނިޝް މިއުޒިކީ ދާއިރާއަށް ނުކުތުމުގެ ޅަފަތުގެ ފިޔަވަޅު އަޅައިދެނީ އޭނާ ބުނާ ގޮތުން ބައްޕަ ----

އެއީ ތެދެކެވެ. ނާޝިދަކީ މިއުޒިކީ އުފެއްދުންތަކުގެ މާހިރެކެވެ. އޭނާ އަކީ ރާއްޖޭގެ މިހާތަނަށް އުފެދުނު އެންމެ ތަފާތު އެއް މިއުޒިކު ފަންނާނޭ ބުނެވުމުގެ ޖާގަ އެބަ އޮތެވެ. އެކަން އޭނާގެ ލަވަތަކުން ސާބިތުކޮށްދެ އެވެ. ދިވެހި ވަންތަކަމާއި ދިވެހި ޖައްވުގެ ރާގުތައް ނުހިމެނޭ ލަވައެއް އޭނާގެ މަދުވާނެ އެވެ.

"ބައްޕަ އަބަދުވެސް ވަށައިގެންވާ މާހައުލުދެކެ ވަރަށް ލޯބިވާނެ. ބައްޕައަށް ހިތްވަރު ލިބެނީ މާހައުލުން. ބައްޕަގެ މިއުޒިކުގައި ރާއްޖެއަށް ހާއްސަ ކަންތައްތަކާ ރާގުތައް ހިމެނުމަށް ވަރަށް އިސްކަންދޭނެ. ބައްޕަ އަބަދުވެސް ބޭނުންވާނެ މިއުޒިކަށް ރާއްޖޭގެ ސަގާފަތް ގެންނަން. ދިވެހި ދަރިއަކަށްވީތީ ބައްޕަ ވަރަށް ފަހުރުވެރިވޭ. ބައްޕަ އަބަދުވެސް ބޭނުން ވާނީ ބައްޕަގެ އަމިއްލަ ސަގާފަތާ ގައުމު ހިމެނޭ ކަމެއް މިއުޒިކުގައި ހިމެނުން،" ނާޝިދުގެ ލަވަތައް ހާއްސަވާ ސަބަބު، ނިޝް ކިޔައިދިނެވެ.

ބައްޕަގެ ސިކުނޑި މަސައްކަތްކުރާ ގޮތެއް ނޭނގޭނެ. މިއުޒިކާ ޖެހުނީމަ ބައްޕަ އަކީ މާހިރެއް. ހަމަ ހުރެބަހައްޓާފައި ސިކުނޑިއަށް އަންނަނީ. ވަރަށް އުފެއްދުންތެރި މީހެއް ބައްޕައަކީ،ނިޝް ނާޝިދު

ނުވަދިހަ އާއި ދެހާހުގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ ފެންވަރުގައި ވެސް މަގްބޫލުކަން ހޯދާފައިވާ ނާޝިދުގެ ލަވަތަކަށް އަދިވެސް ފަޑުވުމެއް ނެތެވެ. ލަވަތައް އަޑު އިވުމުން ޖޯޝް ގެނުވަ އެވެ. ނަމަވެސް ނާޝިދުގެ މިއުޒިކެއް ލަވައެއް އަންނަން އޮތް ޖީލުތަކަށް ގެންދިއުމުގެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އެ ޒިންމާ ނަގަން ހުރީ ނިޝް އެވެ. އޭނާގެ އެ އުއްމީދާ ހިތްވަރު އެބަހުއްޓެވެ.

ނިޝްއާ ނާޝިދު: ނިޝްގެ އަޒުމަކީ ނާޝިދުގެ މިއުޒިކު އަންނަން އޮތް ޖީލުތަކަށް ގެންދިއުން، ނަމަވެސް އެކަން ހާސިލުކުރަން ވަރަށް އުދަނގޫވާނެ ކަމަށް ނިޝް ބުނޭ ----

"ބައްޕަގެ މިއުޒިކީ ލެގަސީ ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރި. ނަމަވެސް މިއަދާ ހަމައަށް ވެސް ބައްޕަ ކުރި މަސައްކަތާ ގާތަށް ވެސް ދެވިއްޖެ ކަމަކަށް ގަބޫލެއް ނުކުރެވޭ. މިއުޒިކަށް އައިމަ ބައްޕަހާ އަހުލާގު ބަހައްޓައި ބުރަކޮށް މަސައްކަތްކުރާ ފަންނާނެއް ނުދެކެން. ބައްޕަ ކޮށްދީފައިވާ މަސައްކަތް ދިރުވަން ބޭނުން. އެކަމަކު އަދި ވަރަށް ގިނަ މަސައްކަތް އެބަ ހުރި،" ބައްޕަގެ މިއުޒިކީ ދިރުން ގެނައުމުގެ އަޒުމުގައި ހުރި ނިޝް ބުންޏެވެ.

ނާޝިދަކީ އަދި ވެސް އެއްވަނަ އެވެ. އޭނާ މިއުޒިކަށް ކޮށްދީފައިވާ މަސައްކަތުގެ އަގުވަޒަން ކުރަންވީ ވަގުތަކީ މީއެވެ. ރާއްޖޭގައި މިއުޒިކަށް ހާއްސަކޮށްގެން ނެރޭ މިސްކު މެގަޒިން އިން އިސްނެގީ އެކަމަށެވެ. ރާއްޖޭގެ އެތައް ފަންނާނުންނަކާ އެކު ނާޝިދުގެ އާއިލާ ގުޅިގެން އޭނާގެ އަގުވަޒަން ކުރުމަށެވެ. މިއުޒިކީ ފަންނާނެއްގެ އަގު ވަޒަންކުރަން ވާނީ މިއުޒިކުންނެވެ.

އެކަމަށް ޓަކައި މިމަހުގެ ބާއްވާ ޝޯ ވަރަށް ވެސް މުހިއްމެވެ. ނާޝިދަކަށް އެކަންޏެއް ނޫނެވެ. މުޅި މިއުޒިކީ އާއިލާ އަށާއި ރާއްޖޭގެ ޒުވާން ޖީލަށެވެ. މިއުޒިކީ ލެޖެންޑެއް ހަނދާން ނައްތާނުލުމަށެވެ.

ނާޝިދު ބަލިވުމަށްފަހު އޭނާއާއެކު ނިޝް ނަގާފައިވާ ފޮޓޯއެއް: މިއުޒިކީ ދާއިރާއަށް ނާޝިދު ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަންކުރުމަށް ހާއްސަ ޝޯއެއް ބާއްވަން ދަނީ ތައްޔާރުވަމުން ----

"މި ސީން އިން ދުރުގައި ބައްޕައި މިވަގުތު ހުރުމުން މިއަދުގެ ޖީލަކަށް ބައްޕަ އަކީ އަސްލު ކާކުކަމެއް ނޭނގެ. ގިނަ ކުދިންނަކަށް ނާޝިދަކީ ނުވަތަ ޒީރޯ ޑިގްރީ އަކީ ކޮން ބައެއްކަން ނޭނގިދާނެ. ބައެއް މީހުންނަށް އެ އެއްޗެހި ގެއްލިއްޖެ. މި ކޮންސެޓް ވެގެންދާނީ މިއަދުގެ ޖީލަށް ބައްޕަގެ އަޑު އިވިގެންދާނެ ގޮތެއް،" އަންނަ ބުދަ ދުވަހު ބާއްވާ ޝޯއާ ގުޅިގެން ނިޝް ބުންޏެވެ.

މިމަހުގެ 21 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި "އަ ޓްރިބިއުޓް ޓު ނާޝިދު"ގެ ނަމުގައި ބާއްވާ ޝޯގައި 21 އަށްވުރެ ގިނަ ފަންނާނުން ހުށަހަޅައިދޭނެ އެވެ. އަދި ޝޯގައި އެތައް ސަޕްރައިޒިން ކަންތައްތަކެއް ފެނިގެންދާއިރު، މިއީ ފަރުދީ ފަންނާނެއްގެ އަގުވަޒަންކޮށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ޝޯއެވެ.