17 Sep 2016, 01:24
ކޭތަހިފުމުން މުސްލިމުން ނުކުންނަން ޖެހޭނީ ކުޅި ބަލަން ނޫން ކަމަށާއި، އޭގެ ބަދަލުގައި ނުކުންނަން ޖެހެނީ ﷲ ގެ ހަޟްރަތަށް ރުޖޫޢަވެ، ކުށްފާފަތައް ފުއްސެވުން އެދިގެން ކަމަށް މިރޭ ކުރެވުނު ކޭތަނަމާދަށް ފަހު އިއްވި ޚުތުބާގައި ބުނެފި އެވެ.
މިރޭ ހިފި ހަނދުކޭތައާ ގުޅިގެން މާލޭގައި ކޭތަ ނަމާދު ކުރީ އިސްލާމީ މަރުކަޒުގައެވެ. ކޭތަ ނަމާދު ކުރީ، ކޭތަ އެންމެ ބޮޑަށް ހިފި ވަގުތު ކަމުގައިވާ 11:54 ހާ އިރުއެވެ.

16 ސެޕްޓެމްބަރ 2016: އިސްލާމީ މަރުކަޒުގައި މިރޭ ކުރި ހަނދުކޭތަ ނަމާދުގެ ޖަމާއަތުގައި ގިނައަދަދެއްގެ ބަޔަކު ބައިވެރިވި -- ސަން ފޮޓޯ/ އަހްމަދު މުޖްތަބާ
ކޭތަ ނަމާދުގެ ޚުތުބާގައި ބުނީ، ގިޔާމަތްވުން ފަށާނީ ބިންހެލުންތަކާއި ހަނދުކޭތަ ހިފުމަކާއި ގުރަހަތައް ވެރި ބުރައިގެން ދާ ދިއުމަކުން ކަމަށެވެ. އެހެންކަމުން ކޭތަ ހިފުން ފަދަ ކަންކަމަކީ މާތް ﷲ މަތިން ހަނދުމަ ކުރުމަށް މިންވަރު ކުރައްވާ ކަންކަން ކަމަށް ޚުތުބާގައި ބުންޏެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ، ކޭތަ ހިފަނީ ހަމައެކަނި ގުދުރަތީ ސަބަބުތަކަކާ ހެދި ނޫން ކަމަށާއި، މީސްތަކުންގެ ކުށް ފާފަތަކާއި އުރެދުންތައް ގިނަ ވުމަކީ ވެސް ކޭތަ ހިފުމުގެ ސަބަބެއް ކަމަށެވެ.
އެހެންކަމުން، ކޭތަހިފުމުން ނަމާދު ކުރުމާއި ޒިކުރު ކުރުމާއި އިސްތިޣްފާރު ކުރުމާއި، މާތް ﷲ އަށް ދުއާކޮށް ތަކުބީރު ކިޔައި، ޞަދަގާތް ކުރުމަށް ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކާ ހަވާލައިދީ، ޚުތުބާގައި ނަސޭހަތްތެރިވި އެވެ.

16 ސެޕްޓެމްބަރ 2016: އިސްލާމީ މަރުކަޒުގައި މިރޭ ކުރި ހަނދުކޭތަ ނަމާދުގެ ޖަމާއަތުގައި ގިނައަދަދެއްގެ ބަޔަކު ބައިވެރިވި -- ސަން ފޮޓޯ/ އަހްމަދު މުޖްތަބާ
"ކޭތަ ހިފުމަކީ ހަމައެކަނި ގުދުރަތީ ކަމެއް ނޫނެވެ. އެއީ ހަމައެކަނި ބަލަން ނުކުންނަންޖެހޭ ރީތި މަންޒަރެއް ވެސް ނޫނެވެ. މުސްލިމުން އެކަމާ މެދު ޝަރުއީ ނަޒަރަކުން ވެސް ބަލާލަން ޖެހެއެވެ. މުސްލިމުން ނުކުންނަން ޖެހޭނީ ﷲގެ ހަޟްރަތަށް ރުޖޫޢަ ވުމަށްޓަކައެވެ. ކުށްފާފަތައް ފުއްސަވާ ދެއްވުމަށް އެދި އެވެ. ކުޅި ބަލާކަށް ނޫނެވެ،" މިރޭ ކުރެވުނު ކޭތަނަމާދުގެ ޚުތުބާގައި ބުންޏެވެ.