ވޯލްޑް ވޮލީބޯލް ޗެމްޕިއަންޝިޕް ކޮލިފިކޭޝަން ޒޯނަލް ފޭސް އެކެއްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ތިން ސެޓް އެއް ސެޓުން ބަންގާޅު ޓީމް އަތުން ބަލިވެއްޖެއެވެ.

ކިރްގިސްތާންގައި އިއްޔެއިން ފެށިގެން ކުރިއަށްދާ އެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން މިއަދު ބަލިވި އިރު ވާދަވެރި ކުޅުމަކަށް ފަހު ބަންގާޅުން އެމެޗުގެ ސެޓްތައް ގެންދިޔައީ 28-26 އަދި 25-21 އިންނެވެ. ތިން ވަނަ ސެޓް ރާއްޖެ އިން 15 -25 އިން ކާމިޔާބުކުރި ނަމަވެސް ފަހު ސެޓް ބަންގާޅުން ކާމިޔާބު ކުރީ 25-20 އިންނެވެ.

ބަންގާޅު ކުޅުނު ފުރަތަމަ މެޗުން އެ ޓީމް ވަނީ ސީދާ ތިން ސެޓުން ކިރްގިސްތާން އަތުން ބަލިވެފައެވެ. ރާއްޖެ އިން ދެން ވާދަކުރަން ޖެހޭނީ މުބާރާތް ބާއްވާ ކިރުގިސްތާން އާއި ތުރުކުމެނިސްތާންއާ ދެކޮޅަށެވެ.

ތިން ޓީމުގެ މެދުގައި ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެއް ވަނަ ހޯދާ ޓީމަކަށް އަނެއް ބުރުން ފުރުސަތު ލިބޭނެ އެވެ.

ރާއްޖޭގެ ޓީމްގެ ކޯޗަކީ ކުރީގެ އެއްވަނަ ވޮލީ ކުޅުންތެރިޔާ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. ޓީމްގައި ހިމެނޭ 13 ކުޅުންތެރިންނަކީ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އާއި، އަޝްފާގު އާދަމް (އައްކަޅޭ) އާއި، އަލީ އާމިރާއި، އާދަމް ފައިރޫޒާއި، ހުސައިން ވިޝާމާއި، މުހައްމަދު ޝާއިން އާއި، އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި، އަލީ ހުޒާމް (ހުޒާންޓޭ) އާއި، ހަސަން ނިލާމް އާއި، މުހައްމަދު އަހުސަނާއި، ހުސައިން ސައީދާއި، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި ޖަވާމް އަލީ އެވެ.