16 Sep 2016, 19:59
އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ބޯންމައުތާ ދެކޮޅަށް ނިކުންނައިރު މިޑްފީލްޑަރު ޑޭވިޑް ސިލްވާއަށް ކުޅެވޭނެ ކަމާ މެދު ޝައްކު ކަމަށް މެންޗަސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ލީގުގައި އެންމެ ފަހުން ސިޓީން، ޔުނައިޓެޑް ބަލިކުރި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސިލްވާއަށް އަނިޔާވެފައިވާ އިރު، ސިޓީން މިދިޔަ ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބޮރޫޝިއާ މޮންގްލަޑްބެކް އަތުން މޮޅުވި މެޗުގައި ވެސް އޭނާ ކުޅެފައެއް ނުވެއެވެ.
"ސިލްވާއަށް ވަނީ މީގެ ދެދުވަސް ކުރިން އަނިޔާވެފައި. އޭނާގެ އަނިޔާ އެހާ ސީރިއަސް އެއް ނޫން. ނަމަވެސް މާދަމާގެ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު ވަަރަށް ކުޑަ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ، ސިލްވާ ނެތްތަން ފޫބައްދަން، ކުރިން މެޗުގައި އެރި އިލްކެއީ ގޮންޑުއާން އަކީ ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި މާދަމާގެ މެޗުގައި ވެސް އޭނާ އަށް ފުރުސަތު ބޮޑު ކަމަށެވެ.
މި ސީޒަނުގައި ސިޓީއާ އަލަށް ހަވާލުވި ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު ހަތް މެޗުން ވެސް އެ ޓީމު މޮޅުވެފައިވާއިރު އޭނާ ބުނީ މާދަމާގެ މެޗަކީ ސިޓީއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެ މެޗެއް ކަމަށެވެ.
"ސިޓީގެ ނަތީޖާ ތަކާ މެދު އަހަރެން މިހުރީ ހިތްހަމަ ޖެހިފައި. ނަމަވެސް މާދަމާ ސީޓީއާ ދެކޮޅަށް ނިކުންނަ ބޯންމައުތު އަކީ ތަފާތު ޓީމެއް، އެ ޓީމުގެ ސްޓްރައިކިން ފޯސް ވަރަށް ވަރުގަދަ،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ ބޯންމައުތު އެންމެ ފަހުން ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު އޭނާ ބެލި ކަމަށާއި އެމީހުންގެ ކުޅުން ވަރަށް ފުރިހަމަ ކަމަށެވެ.
"ކޮންމެ ޓީމެއް އަތުން ވެސް ބަލިވެދާނެ. އަހަރެމެންނަކަށް ނޯޅޭ އަހަރެމެން މިހުރި ހިސާބެއް. ކޮންމެ މެޗަކުން ވެސް ރަނގަޅު ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ފެނޭ. އަދި އެ ގޯސްތައް ވެސް ރަނގަޅު ކުރަމުން މިދަނީ،" ގާޑިއޯލާ ބުންޏެވެ.