16 Sep 2016, 19:01
މެންޗަސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވުމުން ކޯޗު ހޯޒޭ މޮރީނިއޯއަށް ފާޑުކިޔާ ފަރާތް ތަކަށް އޭނާ ވަރުގަދަ ރައްދެއް ދީފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގްގައި އެންމެ ފަހުން ޔުނައިޓެޑް ކުޅުނު މެޗުން، އެޓީމާ އެންމެ ވާދަވެރި މެންޗަސްޓާ ސިޓީ އަތުން ބަލިވެ، ރޭ ޔޫރޮޕާ ލީގްގައި ފޭނޫޑް އަތުން 1-0ގެ ނަތީޖާ އަކުން ބަލިވުމުން މޮރީނިއޯއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެފައެފެ.
އެ ފަރާތް ތަކަށް ރައްދު ދެމުން މޮރީނިއޯ ބުނީ ،ފުޓްބޯޅަ އަކީ އަބަދު މޮޅުވާނެ ކުޅިވަރެއް ނޫން ކަމަށާއި ޔުނައިޓެޑުން މިހާ ހިސާބަށް އައީ ވެސް އެންމެ ފަހުގެ ޗެމްޕިއަން ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްގެން ކަމަށެވެ.
"ލީގުގައި ޔުނައިޓެޑް ކުޅުނު ފުރަތަމަ ތިން މެޗުން ވެސް ވާނީ މޮޅުވެފައި. ނަމަވެސް އެ ދަނޑިވަޅުގައި ވެސް އަހަރެން ހުރީ ހަނދުގައެއް ނޫން. ހަމަ ބިމުގައި ހުރީ،" މޮރީނިއޯ ބުންޏެވެ.
މޮރީނިއޯ ބުނީ، އެ ކާމިޔާބު ފެށުމާ އެކުވެސް ޔުނައިޓެޑަކީ އެންމެ ވަރުގަދަ މޮޅު ޓީމު ކަމަށާއި އިނދިކޮޅު ހުރިހާ ޓީމެއް ބަލިކުރާނެ ވާހަކަ އެއްވެސް އިރެއްގައި ބުނެފައި ނުވާނެ ކަމަށެވެ.
ޔޫރޮޕާ ލީގުގައި ރޭ ރަށުން ބޭރުގައި ޔުނައިޓެޑް ފޭނޫޑް އާ ދެކޮޅަށް ކުޅުނުއިރު މޮރީނީއޯ ވަނީ ކެޕްޓަން ވޭން ރޫނީ އާއި، މުހިންމު ދެ ކުޅުންތެރީން ކަމަށްވާ އެންޓޯނިއޯ ވެލެންސިއާ އާއި ލޫކް ޝޯ އަށް އަރާމް ކުރުމަށް ފުރުސަތު ދީފައެވެ.
މޮރީނިއޯ ބުނީ ދެން އޮތީ ލީގުގައި އާދިއްތަ ދުވަހު ވެޓްފޯޑާ ދެކޮޅަށް ކުޅޭ މެޗު ކަމަށާއި އެމެޗަށް ދާންވާއިރަށް މުޅި ޓީމު ހަމައަކަށް އެޅޭނެ ކަމަށެވެ.