ސްރިނަގަރު(ސެޕްޓެމްބަރު 16): ކަޝްމީރުގައި އިންޑިއާއިން ވެރިކަންކުރާ ފަޅީގައި އިންޑިއާގެ ވެރިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން އިންޑިއާއިން ގެންގުޅޭ ސިޔާސަތާ ދެކޮޅު ހެދުމުގެ ގޮތުން ކަޝްމީރުގެ މަޖިލިސް މެމްބަރަކު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން އިސްތިއުފާ ދެއްވައިފިި އެވެ.

ކަޝްމީރުގެ ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީ (ޕީޑީޕީ)ގެ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވި ވަޑައިގަތް ތާރިގު ހަމީދު ކައްރާ ވިދާޅުވި ގޮތުގައި އިންޑިއާ ސަރުކާރުން ކަޝްމީރާ މެދު ގެންގުޅެނީ "ވަރަށް އަނިޔާވެރި" ސިޔާސަތެކެވެ. ޕީޑީޕީއަކީ އިންޑިއާގެ ސަރުކާރު ހިންގާ ބީޖޭޕީއާ އެކު ކޯލިޝަނެއް ހަދާފައިވާ ޕާޓީއެކެވެ. އެހެންކަމުން ތާރިގު ހަމީދު ވަނީ އެޕާޓީއަށް ވެސް ފާޑު ވިދާޅުވެ، ޕާޓީން ވެސް ވަކިވެޑައިގެންފައެވެ.

އިންޑިއާގެ ވެރިކަމާ ދެކޮޅަށް ކަޝްމީރުގައި މިދިޔަ ޖުލައި މަހުން ފެށިގެން ކުރިއަށްދާ މުޒާހަރާތަކުގައި އިންޑިއާ ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި 80 މީހަކު ވަނީ މަރުވެފައެވެ. އަދި އީދު ދުވަހު ކަޝްމީރުގައި ކާފިއު އިއުލާންކޮށް، މިސްކިތްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ކަޝްމީރުގެ ރައްޔިތުންނަށް ވަނީ އީދު ނަމާދު ކުރެވޭ ގޮތް ނުވެފައެވެ.

"ކަޝްމީރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރައްޔިތުންނަށް ވަނީ އީދު ނަމާދު ނުކުރެވިފައި. ކަޝްމީރުގެ ރައްޔިތުންގެ ލޭ ދަނީ އޮހޮރުވަމުން،" ތާރިގު ހަމީދު ވިދާޅުވިއެވެ.

ކަޝްމީރުގައި އޮންނަ އިންޑިއާގެ ވެރިކަމާ ދެކޮޅު ޖަމާއަތެއްގެ އިސް ކޮމާންޑަރެއްގެ ގަޔަށް ޖުލައި މަހުގެ އަށް ވަނަ ދުވަހު އިންޑިއާ ފުލުހުން ބަޑި ޖަހައި މަރާލުމާ ގުޅިގެން އިންޑިއާއާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ކުރާ މުޒާހަރާތައް ވަނީ އިތުރުވެފައެވެ. (ބީބީސީ)