އިސްލާމްއާބާދު(ސެޕްޓެމްބަރު 16): ޕާކިސްތާނުގައި މިއަދު ގިނަ ބަޔަކު ހުކުރު ނަމާދު ކުރަމުން ދިޔަ މިސްކިތަކަށް ބޮމުގެ ހަމަލާދީ 23 މީހަކު މަރާލައިފިއެވެ.

ޕާކިސްތާނާއި އަފްގާނިސްތާނާ ގުޅޭ ސަރައްދީ ރޮނގު ކައިރީ އޮންނަ، ހަމަނުޖެހުން ބޮޑު ސަރަހައްދެއްގައިވާ އަންބަރު ތެހްސިލް ނަމަކަށް ކިޔާ އަވަށުގެ މިސްކިތަކަށް ބޮމުގެ ހަމަލާ ދީފައި ވަނީ އަމިއްލައަށް މަރުވެގެން ކަމަށް ސަލާމަތީ ފަރާތްތަކުން ބުނެއެވެ.

ބޮން ގޮއްވާލުމުގެ ސަބަބުން 23 މީހަކު މަރުވުމުގެ އިތުރުން 35 މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އަނިޔާވި މީހުންނަށް މިހާރު ފަރުވާ ދެމުންދާ ކަމަށްވެސް އެރިޕޯޓުތަކުގައިވެ އެވެ.

އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެއެވެ. ނަމަވެސް ޕާކިސްތާނުގައި ކޯޓުތަކާއި ސްކޫލުތަކާއި މިސްކިތްތަކަށް އާއްމުކޮށް ހަމަލާ ދެނީ އެގައުމުގެ ތާލިބާނުން ކަމަށް ޕާކިސްތާނުގެ މީޑިއާތަކުން ބުނެ އެވެ. (އަލްޖަޒީރާ)