03 Jun 2011, 20:02
ޝަރްމުއްޝައިޚް : މިސްރުގެ ރެސޯޓް ރަށެއްކަމަށްވާ ޝަރްމުއްޝައިޚްގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރެވިފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ ސިއްޙީ ޙާލުކޮޅު ވަރަށް ބޮޑަށް ދަށަށްދާން ފަށައިފި ކަމަށް އޭނާއަށް ފަރުވާދެއްވާ ޑޮކްޓަރުން ބުނެފިއެވެ.
މިސްރުގެ ފުލުހުންގެ ބެލުމުގެ ދަށުން ޙުސްނީ މުބާރަކަށް ފަރުވާދެއްވާ ޑޮކްޓަރުންނާ ޙަވާލާދީ މިސްރުގެ އަލްއަހްރާމް ނޫސް ބުނިގޮތުގައި މުބާރަކުގެ ދެކިޑްނީވަނީ ފޭލްވުމުގެ މަގުމަތީގައެވެ. އަދި އެތަށް ބައްޔެއްގެ ޢަލާމާތްތައް މުބާރަކްގެ ހަށިކޮޅުން ފެންނަމުންދާ ކަމަށާ ބަލިއެނދުން އަމިއްލައަށް ތެދުވެވޭހާ ހަކަތަވެސް އޭނާގެ ކިބާގައި މިހާރުނެތް ކަމަށާ މުބާރަކްގެ ހިތްޕުޅުގެ ހިނގުމަށްވެސް މައްސަލަތައް ކުރިމަތިވެ ހަށިގަނޑު ތުރުތުރު އަޅަމުންދާ ކަމަށްވެސް ޑޮކްޓަރުންނާ ޙަވާލާދީ އަލްއަހްރާމް ނޫސް ބުނެއެވެ.
މުބާރަކްގެ ވެރިކަން ވައްޓާލުމަށް ޓަކައި މިސްރުގެ ބޮޑެތި ރައްތަކުގައާއި ޤާހިރާގެ މައިދާނުއްތަހްރީރުގައި ސުލްހަވެރި މުޒާހަރާތައްކުރި ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރެއްވުމަށް އަމުރު ކުރެއްވުމުގެ މައްސަލައާ އަދި ކޮރަޕްޝަންެގެ މައްސަލަފަދަ އެތަށް މައްސަލައެއް ތަޙްޤީޤް ކުރުމަށްޓަކައި މުބާރަކް 15 ދުވަހު ޖަލުގައި ބެހެއްޓުމަށް މިސްރުގެ ޝަރްއީ ދާއިރާއިން ކުރިއަމުރު އޭނާގެ ސިއްޙީ ޙާލުކޮޅު ދެރަވުމާ ގުޅިގެން ވަނީ ތަންފީޒު ކުރެވޭގޮތް ނުވެފައެވެ.
ނަމަވެސް މުބާރަކް އެނދުމަތި ކުރެވިފައިވާ ސައިނާގެ ހޮސްޕިޓަލުގައި ފުލުހުންވަނީ އޭނާއާ ސުވާލުކޮށް ތަހްޤީޤްތަކެއް ހިންގާފައެވެ. އަދި މިހާރުވެސް މުބާރަކް ޖަލަށް ނުގެންދެވިފައިވަނީ އޭނާގެ ސިއްޙީ ޙާލުކޮޅު ދަށްކަމުންކަމަށާ އަދި ހޮސްޕިޓަލުގައި މުބާރަކް އޮންނަވަނީވެސް ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް ޚަބަރު ލިބެއެވެ.
މުބާރަކްގެ ވެރިކަމުގެ އެންމެ ފަހުގެ ދުވަސްކޮޅު އޭނާ ވެރިކަމުން ފޭބުމަށް ގޮވާލައި މުޒާހަރާ ކުރަމުން ގެންދިޔަ ޢާންމު ރައްޔިތުންގެ ގަޔަށް މިސްރުގެ ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން އެތަށްސަތޭކަ ބަޔަކު މަރުވެ އެތަށް ހާސްބަޔަކުވަނީ ޒަޚަމްވެފައެވެ.