ހުޅުމާލޭގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ފޮނުވާލައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކުރާ އެސްޓީއޯ ހޮޓާ ކައިރީގައި މިއަދު ހަވީރު 3:30 އެހައިކަންހާއިރު ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު ދެ މީހުންނަށް ވެސް އިތުރު ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ފޮނުވާލާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި އަނިޔާ ލިބުނީ 19 އަހަރާއި 20 އަހަރުގެ ދެ ދިވެހި ފިރިހެނުންނަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭގެތެރެއިން އެކެއްގެ ބޮލަށް އަނިޔާވެފައިވާ ކަމަށާއި އެ ދެ މީހުންނަކީ ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ފަދަ ހާލަތެއްގައި ތިބި ބައެއް ކަމަށެވެ.

އެ މައްސަލަ ހުޅުމާލޭ ޕޮލިސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.