16 Sep 2016, 20:30
ސްޓޮކްހޯމް(ސެޕްޓެމްބަރު 16): ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް ހައްޔަރު ކުުރުމަށް ސުވިޑެން އިން ނެރެފައިވާ ކޯޓު އަމުރު އެގައުމުގެ ކޯޓަކުން މިއަދު ދަމަހައްޓައިފިއެވެ.
އަސާންޖް ހައްޔަރު ކުރުމަށް ސްވިޑެންއިން މަސަައްކަތް ކުރަނީ 2010 ވަނަ އަހަރު މީހަކު ރޭޕް ކުރުމުގެ ތުހުމަތުގައެވެ. އަސާންޖް ވަނީ އެތުހުމަތު ދޮގުކޮށްފައެވެ. އަދި އަސާންޖްގެ ވަކީލުން ވަނީ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.
އިނގިރޭސިވިލާތުން އަސާންޖް ސުވިޑެންއާ ހަވާލުކޮށްފާނެތީ އަސާންޖް ވަނީ ލަންޑަނުގައި ހުންނަ އިކުއެޑޯ އެމްބަސީން 2012 ވަނަ އަހަރު ހިމާޔަތް ހޯދާފައެވެ. އަސާންޖް ބުނާ ގޮތުގައި އޭނާ ސްވިޑެންއަށް ފޮނުވާލައިފި ނަމަ އެގައުމުން އޭނާ އެމެރިކާއާ ހަވާލު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެމެރިކާއިން ދަނީ ވިކިލީކްސް އިން އަފްގާނިސްތާނާއި އިރާގު ހަނގުރާމައާ ބެހޭ އެމެރިކާގެ ސިއްރު އަސްކަރީ ފައިލްތަކެއް ލީކު ކުރި މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަސާންޖް ހައްޔަރު ކުރުމަށް ސްވިޑެންއިން ނެރެފައިވާ އަމުރު ބާތިލު ކުރުމަށް އޭނާ ވަނީ މިހާރު އަށް ފަހަރެއްގެ މަތިން އެދިފައެވެ. އަދި ފެބްރުއަރީ މަހު ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓަރީ ޑިޓެންޝަން އިން ވަނީ އިކުއެޑޯ އެމްބަސީގައި އަސާންޖް ހުރީ ގާނޫނާ ހިލާފު 'ބަންދެއްގައި' ކަމަށް ބުނެފައެވެ. ނަމަވެސް ކޮންމެފަހަރަކުވެސް ސްވިޑެންގެ ކޯޓުތަކުން ނިންމާފައި ވަނީ އަސާންޖް ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރު ދެމެހެއްޓުމަށެވެ.
އަސާންޖްގެ މައްޗަށް ކޮށްފައިވާ ރޭޕްގެ ތުހުމަތާ ގުޅިގެން އިކުއެޑޯއިން ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އޭނާއާ ސުވާލު ކުރަން ނިންމާފައެވެ. އިކުއެޑޯގެ އެމްބަސީގައި އަސާންޖްއާ ސުވާލު ކުރާނީ އެގައުމުގެ ޕްރޮސިކިއުޓަރުން ކަމަށް ސުވިޑެން އިން ބުންޏެވެ. (ރޮއިޓާސް)