16 Sep 2016, 20:12
ކޮލަމްބޯ(ސެޕްޓެމްބަރު 16): މަނީ ލޯންޑްރިންގެ މައްސަލައެއްގައި ސްރީލަންކާގެ އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރެއް ކަމަށްވާ މަހިންދަނަންދާ އަލުތްގަމާގޭ ހައްޔަރުކޮށްފިއެވެ.
ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގައި ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި އަލުތްގަމާގޭ އިއްޔެ ހައްޔަރުކޮށްފައި ވަނީ އެ ގައުމުގެ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންސް ޑިޕާޓްމެންޓް (ސީއައިޑީ) އިންނެވެ. ސީއައިޑީން އޭނާ ހައްޔަރުކޮށްފައި ވަނީ ކޮލަމްބޯއިން 27 މިލިއަން ރުޕީސްގެ އަގުހުރި ގެއެއް ބައްލަވައިގަތުމަށް ފަހު، އެ ފައިސާ ހޯދި ގޮތުގެ ތަފްސީލު އޭނާއަށް ދެވޭ ގޮތް ނުވުމުންނެވެ.
އަލުތްގަމާގޭއާ ސުވާލު ކުރުމަށްފަހު ސީއައިޑީން ވަނީ އޭނާ ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައެވެ. އަދި މައްސަލަ ބަލަމުންދާ އިރު މައްސަލައިގެ ހެކިވެރިންނަށް ނުފޫޒު ފޯރުވަން އަލުތްގަމާގޭ މަސައްކަތް ކުރައްވަފާނެތީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްނުލުމަށް ވެސް ވަނީ އެދިފައެވެ.
އެހެންކަމުން ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުން ވަނީ އަލުތްގަމާގޭގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް، ދެން ކޯޓު އަޑު އެހުން އޮންނަ ދުވަހަކާ ހަމައަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އަލުތްގަމާގޭގެ މައްސަލައިގެ ކޯޓު އަޑުއެހުން ދެން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހެވެ.