16 Sep 2016, 15:03
އަހަރެމެންގެ ތެރޭން ކޮންމެ މީހަކީވެސް އުފަލުގައި އުޅެން ބޭނުންވާނެ މީހެކެވެ. ހަމަޖެހުމާއި ސަލާމަތާއި ރައްކާތެރިކަމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަންތައްތަކެވެ. އަމާން، އޮމާން، ސުލްހަވެރި ތަނެއްގައި ދިރިއުޅެން ކޮންމެ މީހަކުވެސް ބޭނުން ވާނެއެވެ. އެހެން ނަމަވެސް މިއީ އެކަކު އެކަނި ކުރެވޭނޭ ކަންތައްތަކެއް ނޫނެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ވަނީ، އުފާވެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވިދާނޭ ކަންތައްތަކާމެދު އަލިއަޅުވާލައިފައެވެ. އެގޮތުން، މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމަށްޓަކައި، އެތަނެއްގައި ދިރިއުޅޭ އަފުރާދުންގެ މެދުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމަކީ، ނަބަވީ އިރުޝާދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މުޖުތަމައުގެ ގުޅުންތައް ހަރުދަނާ ކުރުމަށްޓަކައި، އަހަރެމެން އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކޮށްދޭންޖެހޭ ހައްގުތަކެއް ވެއެވެ. ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه و سلم ހަދީސް ބަސްފުޅަކާ ހަވާލާދީ މިއަދުގެ ޚުޠުބާގައި އެ ހައްގުތައް ބަޔާންކޮށްފައިވެއެވެ.
އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރާން ޖެހޭ ހައްގު ތަކަކީ ކޮބައިތޯ ދެންނެވުމުން ކީރިތި ރަސޫލާ ޙަދީޘްކުރެވި ކަމަށް ޚުޠުބާގައި ބުނީ،
އެއީ، "ބައްދަލުވެއްޖެ ނަމަ ސަލާމް ކުރުމެވެ. އަދި ދައުވަތެއް ދީފިނަމަ އެ ދައުވަތަށް އިޖާބަ ދިނުމެވެ. އަދި ކިނބިއްސެއް އަޅައިފިނަމަ މާތް ﷲ އަށް ޙަމްދުކޮށް ހެޔޮ ދުޢާކުރުމެވެ. އަދި ބަލިވެއްޖެ ނަމަ އޭނާއަށް ޒިޔާރަތްކުރުމެވެ. އަދި އޭނާ މި ދުނިޔެ ދޫކޮށްފި ނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުމެވެ."
ކީރިތި ރަސޫލާﷺގެ މި ޙަދީޘްގައި ބަޔާންކުރައްވާފައިވާ ހައްގުތަކަކީ އެއްވެސް ހާލެއްގައި އެއްވެސް މުސްލިމަކު ދޫކޮށްލައިގެންވާނެ ހައްގުތަކެއް ނޫންކަމަށް ޚުޠުބާގައި ވެއެވެ.
ސަލާމްކުރުމުގެ މުހިއްމުކަން:
އަޅުގަނޑުމެން އެކަކު އަނެކަކާ ބައްދަލުވާހިނދު އަދާކުރާންޖެހޭ ފުރަތަމަ ހައްގަކީ، ސަލާމްކުރުމުގެ ހައްގެވެ. އެއީ އެކެއްގެ ފަރާތުން އަނެކާއަށް ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާކަމުގެ އަހުދެއްގެ ގޮތުގައި އަދާކުރެވޭ ހައްގެކެވެ. ސަލާމްކުރުމަކީ އެންމެ ހެޔޮ އަމަލުތަކުގެ ތެރޭގައި ހިމެނޭ އަމަލެއް ކަމަށް ރަސޫލާ ބަޔާންކޮށްދެއްވައެވެ.
"ސަލާމުގެ ބަދަލުގައި ދެވޭ ޖަވާބަކީ، މުޖުތަމައަށް އަދި އެމީހަކަށް އަމާންކަން ލިބިގެންވާކަމުގެ މެސެޖެކެވެ. ސަލާމަކީ، ތިމާގެ ފަރާތުން އަނެކާއަށް އެއްވެސް އުނދަގުކެއް ތުރާލެއް ލިބިގެން ނުދާނެކަމުގެ މައްޗަށް ވެވޭ އަހްދެކެވެ." މިއަދުގެ ހުކުރު ޚުޠުބާގައި ބުނެއެވެ.
ޖުލައި 6، 2016: މާލޭގެ އިސްލާމީ މަރުކަޒުގައި ކުރެވުނު 1437 ވަނަ އަހަރުގެ ފިޠުރު ޢީދާ ނަމާދުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މުސާ
ސަލާމްކުރުމަށް ވަޞިއްޔަތްކޮށް އަމުރުކުރައްވައި، މާތް ﷲ ކީރިތި ގުރުއާނުގައި ވަހީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުންނަށް އެއްވެސް ކަހަލަ ސަލާމަކުން ސަލާމްކޮށްފި ނަމަ، އެއަށްވުރެ ރިވެތި ސަލާމަކުން ތިޔަބައިމީހުން ސަލާމްކުރާށެވެ! ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! ހަމަ ކަށަވަރުން ކޮންމެ ކަމެއްގެ ހިސާބު ބައްލަވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."
ސަލާމުގެ ސަބަބުން މީސްތަކުންގެ މެދުގައި ލޯތްބާއި އޯގާތެރިކަމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ސިފަ އާލާވެގެން ދާނޭކަމެކެވެ.
"އެއް މުސްލިމަކު އަނެއް މުސްލިމަކާ ބައްދަލުވެ އެކަކު އަނެކަކާ ސަލާމްކޮށްފި ނަމަ، އެ ދެމީހުން ވަކިވުމުގެ ކުރީން މާތް ﷲ އެ ދެމީހުންގެ ފާފަ ފުއްސަވައިދެއްވާނެއެވެ." ކީރިތި ރަސޫލާﷺގެ އަރިހުން ރިވާވެގެންވާ ކަމަށް ޚުތުބާގައި ވެއެވެ.
ދައުވަތަށް އިޖާބަދިނުން:
އުފާވެރި މުޖުތަމައެއް ބިނާކުރެވޭނީ، އެންމެހައި އަފުރާދުން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްގެންނެވެ. އެގޮތުން މުޖުތަމައުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެކަކު އަނެކަކަށް ޒިޔާރަތްކުރުމާއި ހިތާމަތަކާއި އުފާތަކުގައި ބައިވެރިވުމުގެ މުހިއްމުކަންވެސް މިއަދުގެ ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
އީދު ނަމާދަށްފަހު، ގްރޫޕް ގްރޫޕަށް، ގޭގެޔަށް ގޮސް، ސައިބުއިމާ، އެކަކު އަނެކަކާ އީދު ސަލާމްކޮށް ހެދުމަކީ، ކުރީން ރާއްޖޭގައި ވަރަށް ބޮޑަށް އޮތް، އެހެން ނަމަވެސް މިހާރު، އުވެމުންދާ އާދަތަކެއް -- ސަން ފައިލް ފޮޓޯ
ކީރިތި ރަސޫލާﷺ ޙަދީޘްކުރެއްވި ކަމަށް ޚުތުބާގައި ވެއެވެ. "އަދި ތިބާއަށް ދައުވަތެއް ދެވިއްޖެ ނަމަ، އެކަމަށް އިޖާބަ ދޭށެވެ!" އެގޮތުން ކީރިތި ރަސޫލާﷺ، އެކަލޭގެފާނަށް ދައުވަތު ދޭމީހަކީ ކޮންމެ ފެންވަރެއްގެ މީހަކު ކަމުގައި ވިޔަސް އެމީހަކަށް އިޖާބަ ދެއްވާކަމަށް ޚުޠުބާގައި ވެއެވެ.
ކިނބިހިއެޅި މީހާއަށް ހެޔޮ ދުޢާކުރުން:
މީހަކު ކިނބިއްސެއް އަޅައިފިނަމަ މާތް ﷲ އަށް ޙަމްދުކޮށް އެމީހާއަށް ހެޔޮ ދުޢާކުރުމަކީވެސް އަހަރެމެން އަދާކުރާން ޖެހޭ ހައްގެކެވެ. އެގޮތުން މިކަމަކީ، އެއް މުސްލިމަކު އަނެއް މުސްލިމަކާ ދެމެދު އޮންނަ ގުޅުން އިތުރުވެގެންދާ ސަބަބެއް ކަމަށް ޚުތުބާގައިވެއެވެ.
"މީހަކު ކިނބިއްސެއް އަޅައި، މާތް ﷲ އަށް ހަމްދުކޮށްފިނަމަ، އަޑު އިވޭ މީހާ، ހަމަ އެފަދައިން އެމީހާއަށް ހެޔޮ ދުޢާކުރުމަށް އިސްލާމްދީން ބާރުއަޅައެވެ. އެއީ އެކަކު އަނެކަކާ މެދު އޮންނަ ލޯތްބާއި އޯގާތެރިކަން އިތުރުވެގެންނެ ސަބަބެކެވެ."
އެކަކު އަނެކަކަށް ޒިޔާރަތްކުރުން
އެކަކު އަނެކަކަށް ޒިޔާރާތްކޮށް، ސަލާމްކޮށް އެހީތެރިވެދީ ހެދުމަކީ، އެބަޔަކު ދިރިއުޅޭ މުޖުތަމައަށް ދިރުމާއި އުފާވެރިކަން ގެނެސްދޭ ކަންކަމެވެ.
"އިސްލާމް ދީނުގައި ޝަރުޢުކުރައްވާފައިވާ ހެޔޮކަންތައްތަކުގެ ތެރޭގައި ބަލިމީޙުންނަށް ޒިޔާރަތްކުރުން ހިމެނެއެވެ. ބަލިމީހާ އޮތީ ހޮސްޕިޓަލްގައި ނުވަތަ ގޭގައި ކަމުގައި ވިޔަސް މިކަމުގައި ތަފާތެއް ނެތެވެ." ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ ސަބަބުން ބަލިމީހާގެ މައުނަވީ ރޫހު އިތުރުވެގެންދާކަމަށް ބަޔާންކޮށް މިއަދުގެ ޚުޠުބާގައި ވެއެވެ.
ޖަނާޒާގައި ބައިވެރިވުން
އިސްލާމް ދީނަކީ، މީސްތަކުންގެ މެދުގައި އޮންނަ ގުޅުންތައް ދާއިމަށް ދެމިގެން ދިއުމަށް ބާރުއަޅާ ދީނެކެވެ. އެ ގުޅުންތަކާއި ހައްގުތައް އޮންނަންވީ ހަމައެކަނި ދިިރުއުޅުމުގެ ހަޔާތުގައި ނޫންކަމަށާއި، މަރުވުމަށްފަހުވެސް ދަމަހައްޓަން ޖެހޭ ހައްގުތަކެއްވާކަން މިއަދުގެ ޚުތުބާގައި އަހަރެމެންނަށް ހަނދާންކޮށްދީފައިވެއެވެ.
"އެ ހައްގުތަކުގެ ތެރޭގައި، ކަށުނަމާދުގައި ބައިވެރި ވުމާއި، މައްޔިތާ ވަޅުލުމުގެ ކަންތައްތަކުގައި ބައިވެރިވުމާއި، މައްޔިތާއަށް ހެޔޮދުއާކުރުން ހިމެނެއެވެ."
ކީރިތި ރަސޫލާﷺ ޙަދީޘްކުރެއްވި ބަސްފުޅެއް މާނަކޮށް މިއަދުގެ ޚުތުބާގައި ބާންކޮށްފައި ވަނީ، "މައްޔިތާގެ މައްޗަށް ކަށުނަމާދުކުރުމާ ހަމަޔަށް މައްޔިތާގެ ޖަނާޒާގައި ބައިވެރިވެއްޖެ ނަމަ އެމީހަކަށް ޤިރާތެއްގެ ޘަވާބު ލިބޭނެއެވެ. އަދި އެ މައްޔިތާ ވަޅުލުމާ ހަމަޔަށް ބައިވެރި ވެއްޖެ މީހަކަށް ދެ ޤިރާތުގެ ޘަވާބު ލިބޭނެއެވެ."
އޮގަސްޓް 20، 2015: ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި މަރުހޫމް އަލް އުސްތާޒު އަބްދުﷲ ހަމީދު، ރަސްމީ އިއްޒަތުގައި ފަސްދާނަ ލުމަށް ބޭއްވި ޖަނާޒާގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު
ޖަނާޒާގައި ބައިވެރިވުމަކީ، ދިރިތިބީންނަށާއި މައްޔިތާއަށް މާތް ﷲ ރަހްމަތް ލައްވާ ކަމެއް ކަމަށްވެސް މިއަދުގެ ޚުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ. އަދި މައްޔިތާގެ އަހުލުވެރީންގެ ހިތާމަތަކުގައި ބައިވެރިވެވޭ ބައިވެރިވުމެކެވެ.
މިހިރަމިހިރަ ކަންތައްތަކަކީ، ވަރަށް ފަސޭހައިން ކޮންމެ ފަރުދަކަށްވެސް ކުރެވިދާނޭ ކަންތައްތަކެވެ. އުފާވެރި މުޖުތަމައެއް ބިނާކުރާން ކޮންމެހެން ފައިސާވެރިވާކަށް ނުޖެހެއެވެ. އަދި ބާރާއި ނުފޫޒު ފޯރުވާކަށްވެސް ނުޖެއެހެވެ. ބޭނުންވަނީ، މުޖުތަމައުގެ ތެރޭގައި ދިރިއުޅޭ މީހުން، އެކަކު އަނެކަކަށް އިހްތިރާމްކުރުމާއި، އެކަކު އަނެކަމަށް އެހީތެރިވެ ދިނުމެވެ.
ބާރާއި ޖާހާއި ނުފޫޒު ހޯދުމަށް، އަހަރެމެންގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކާ ޖައްސައި، އެއްބަޔަކާމެދު އަނެއްބައެއްގެ ހިތުގައި ނަފުރަތު އުފައްދާނަމަ، އުފާވެރި މުޖުތަމައެއް ބިނައެއް ނުކުރެވޭނެއެވެ. އެކަން އަހަރެމެންގެ ލޮބުވެތި އިސްލާމީ، ރިވެތި ޝިއާރުތަކުން ސާބިތުކޮށްދެއެވެ.