16 Sep 2016, 10:27
ނިއުދިއްލީ(ސެޕްޓެމްބަރު 16): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ 66 ވަނަ އުފަން ދުވަސް މާދަމާ ފާހަގަ ކުރަން ހަމަޖެހިފައިވާ ގުޖުރާތު ސްޓޭޓުން ތިިން ގިނެސް ވޯލްޑް ރިކޯޑެއް މުގުރާލަން ރާވަމުންދާ ކަމަށް އެސްޓޭޓުން ބުނެފިއެވެ.
ގުޖުރާތުގައި އޮފިޝަލުން ވިދާޅުވި ގޮތުގައި މޯދީގެ އުފަންދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ހާއްސަ އެހީއަށް ބޭނުންވާ 11،223 މީހަކަށް ބޭނުންވާ ހާއްސަ އާލާތްތައް ހަދިޔާ ކުރާނެއެވެ.
އޭގެ ތެރެއިން އަޑު އިވުމުން މަހުރޫމުވެފައިވާ 1،000 މީހަކަށް ހިއަރިން އެއިޑް ފޯރުކޮށް ދިނުމުން ގިނެސް ރިކޯޑު ފޮތަށް އަރާނެ ކަމަށް އިވެންޓް އިންތިޒާމް ކުރާ ކޮމިޓީން އުއްމީދު ކުރެއެވެ.
އެ ކޮމިޓީން ދެން މުގުރާލުމަށް ރާވާފައިވާ ރިކޯޑަކީ ފުރޮޅީ ގޮނޑި ބޭނުން ކުރާ އެންމެ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ވަކި ގޮތަކަށް އެތުރުމެވެ. މީގެ ކުރިން އެރިކޯޑު އޮތީ 346 މީހެއްގެ ބައިވެރިވުމާއެކު އެމެރިކާގައެވެ. ގުޖުރާތުން ރާވާފައި ވަނީ އެރިކޯޑު މުގުރާލުމަށް އިންޑިއާގެ 1000 މީހުން ބައިވެރި ކުރުމަށެވެ.
އަދި އިތުރު ރިކޯޑެއް ގާއިމު ކުރުމުގެ ގޮތުން ގުޖުރާތުގެ އެއް ސަރަހައްދެއްގައި އެއްފަހަރާ 1،500 ބައްތި ރޯކުރަން ހަމަޖެހިފައިވެއެވެ. އެ އިވެންޓު ގިނެސް ވޯލްޑް ރިކޯޑްސްގެ އޮފިޝަލުން މޮނިޓާ ކުރާނެ ކަމަށް އޮފިޝަލުން ބުންޏެވެ.
"އެ މުނާސަބަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިއަރިން އެއިޑު، ފުރޮޅީ ގޮނޑި، ޓްރައިސިކަލް، ސެރެބްރަލް ޕަލްސީ ހުންނަ ފަރާތްތަކަށް ބޭނުންވާ ގޮނޑި، ކެލިޕާސް، ޕްރޮސްތެޓިކްސް އަދި ކިޔެވުމަށް ބޭނުންވާ ކިޓުތައް ހަދިޔާ ކުރާނެ،" އިވެންޓް އިންތިޒާމު ކުރާ ކޮމިޓީގެ އޮފިޝަލަކު ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑިއާގެ ނެޝަނަލް އެވޯޑް ފޯ ދި އެމްޕަވާމެންޓް އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސްގެ ދަށުން ބައެއް ފަރާތްތަކަށް ފައިސާގެ އެހީވެސް ދޭނެ ކަމަށް އިންޑިއާގެ މީޑިއާތަކުގައިވެއެވެ. (އައިއޭއެންއެސް)