ސިންގަޕޫރު: ޗައިނާއަކީ ދުނިޔޭގެ ބޮޑު ބާރެއް ކަމަށް އެމެރިކާ އިޢްތިރާފްވާ ކަމަށާ ޗައިނާގެ އާރާއި ބާރު ކުޑަކޮށް ޗައިނާގެ ޤަދަރުކުޑަކުރަން އެެމެރިކާ މަސައްކަތް ނުކުރާ ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސް ވިދާޅުވެއްޖެވެ.
ގޭޓްސް ވިދާޅުވީ ޗައިނާއަށް ގޮންޖެހުމާއި ބައިނަލްއަޤްވާމީ މަސްރަޙުގައި ޗައިނާ ހޯދަމުންގެންދާ ކުރިއެރުންތަކަށް ހުރަސް އެޅުމަކީ އެމެރިކާގެ ސިޔާސަތެއްނޫން ކަމުގައެވެ. އަދި ޗައިނާ ހަތުރެއްކަމަށް ބަލައިގެން ޗައިނާއާ ދެކޮޅަށް މަސައްކަތްކުރުމަކީ އެމެރިކާއަށް މަސްލަޙަތު ހުރި ކަމެއްވެސް ނޫންކަމަށްވެސް ގޭޓްސް ވިދާޅުވިއެވެ.

ސިންގަޕޫރުގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ގޭޓްސް ވިދާޅުވީ ޗައިނާއާއި އެމެރިކާއާ ދެމެދު ޢަސްކަރީ ޚިލާފްތަކަކާއި ދެބަސްވުންތަކެއް އެބަހުރި ކަމުގައެވެ. އަދި ޗައިނާއިން ޢަސްކަރީ ބާރުގަދަކުރަމުން ގެންދަނީ އެމެރިކާ ކަންބޮޑުވާ ގޮތެއްގެ މަތިނަ ކަމަށް ވިދާޅުވެ ދެޤައުމުގެ ގުޅުންތަކަށް ބުރޫ ނަރާނެ ގޮތެއްގެ މަތިން މިމައްސަލަ ޙައްލުކުރަންޖެހިފައިވާ ކަމަށް ގޭޓްސް ވިދާޅުވިއެވެ.

ގޭޓްސް ސިންގަޕޫރަށް ވަޑައިގެން މިއުޅުއްވަނީ އޭޝިޔާގެ ބައެއް ޤައުމުތަކުގެ ދިފާޢީވަޒީރުންނާއެކު ސިންގަރޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަމްނާބެހޭ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މިބައްދަލުވުން މިއަދު ފެށޭނެއެވެ. މިބައްދަލުވުމުގެ އަރިމަތީގައި ޗައިނާގެ ދިފާޢީ ވަޒީރު ލިޔާންގްވާންގްލީ އާ ގޭޓްސް، ބައްދަލުކުރައްވުމަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާގެ އެންމެ ބޮޑު ޝަކުވާއަކީ ޗައިނާގެ ޢަސްކަރީ ބަޖެޓްގެ ޙަޤީޤީ މިންވަރު ނޭންގުމުގެ ޝަކުވާއެވެ. ޢަސްކަރީ ކަންކަމަށާއި ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްޤީ ކުރުމަށް ޗައިނާ ޚަރަދުކުރާ މިންވަރުގެ ޙަޤީޤަތް ޗައިނާ ހާމަނުކުރާ ކަމަށް އެމެރިކާ ދެކެއެވެ.

އަދި ޗައިނާ ދުނިޔެއަށް ހާމަކުރަނީ އެޤައުމުގެ ޢަސްކަރީ ބަޖެޓްގެ ތިންބައިކުޅަ އެއްބަޔަށްވުރެވެސް މަދުޢަދަދެއް ކަމަށާއި މިކަމުގެ ސަބަބުން ޗައިނާގެ ޢަސްކަރީ އަމާޒުތަކާއި ލަނޑުދަނޑިތައް އެމެރިކާއަށް އޮޅޭކަމަށް އެމެރިކާ ތކުރާރުކޮށް ބުނަމުން ގެންދެއެވެ.

ނަމަވެސް ގޭޓްސް ވިދާޅުވީ ޗައިނާގެ ޢަސްކަރީ އަމާޒު އަދިހުރީ ދުނިޔޭގެ ހުރިހާ ތަނެއްގައި ޢަސްކަރީ ގޮތުން އެމެރިކާއާ ވާދަކުރުމަކަށްނޫނެވެ. މީގެބަދަލުގައި ޗައިނާގެ މިހާރުގެ އަމާޒެއްކަމަށް ފެންނަނީ ހަމައެކަނި އޭޝިޔާ ސަރަޙައްދުގައި ބާރުގަދަކުރުމަށާއި އޭޝިޔާއިން އެމެރިކާގެ ޢަސްކަރީ ނުފޫޒު ކުޑަކުރުމުގެ މައްޗަށް ކަމަށް ގޭޓްސް ވިދާޅުވިއެވެ. (ބީ.ބީ.ސީ)