16 Sep 2016, 00:01
އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ޓީސީ ސްޕޯޓްސް 0-1ގެ ނަތީޖާއަކުން ބަލިކޮށް ކްލަބު އީގަލްސް، ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެމެދު އޮތް ފަރަގު ހަ ޕޮއިންޓަށް ތިރިކޮށް ލީގު ކާމިޔާބުކުރުމަށް އޮތް އުންމީދު ބޮޑު ކޮށްފިއެވެ.
ލީގުގައި ކޮންމެ ޓީމެއް ވެސް 16 މެޗު ކުޅެފައިވާއިރު އެއްވަނައިގައި އޮތް މާޒިޔާ އަށް ލިބެނީ 37 ޕޮއިންޓެވެ. ދެވަނައިގައި އީގަލްސް 31 ޕޮއިންޓާއެކު އޮތް އިރު ތިން ވަނައިގައި އޮތް ޓީސީއަށް ލިބެނީ 27 ޕޮއިންޓެވެ.
ތާވަލުގެ އެންމެ ކުރީގައި އޮތް ތިން ޓީމަށް ވެސް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އޮތް އިރު ހަތަރު ވަނައިގައި އޮތް ވެލެންސިއާ އާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީއަށް މިހާރު ވަނީ ލީގު ކާމިޔާބު ކުރުމުގެ ދޮރު ބަންދުވެފައެވެ.
މިރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅުގައި ޓީސީން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ގޯލުގެ ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ކީޕަރު ބީޓްވެ، ދިފާއު ކުރީ އީގަލްސްގެ ޑިފެންޑަރެކެވެ.
އީގަލްސްއިން މެޗުގެ ލީޑް ނެގީ 16 ވަނަ މިނެޓްގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ސެޑިކްގެ ގޯލުންނެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ އީގަލްސް އިން އުފެއްދި ކައުންޓަރ އެޓޭކެއްގައި ބޯޅަ ހިފައިގެން އައިސް ޓީސީގެ ކީޕަރު މުހައްމަދު އިމްރާން ވެސް ބީޓް ކުރުމަށް ފަހު އެވެ.
އީގަލްސް އިން މެޗުގެ ލީޑް ނެގުމާ އެކު ޓީސީން ކުޅުން ރަނގަޅުކޮށް އީގަލްސްގެ ގޯލަށް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ޓީސީގެ އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު ނިޒާމް ފޮނުވާލި ހަމަލާ ތަކުގެ ހުރަހަކަށްވީ އީގަލްސްގެ ލަންކާ ގައުމީ ކީޕަރު ސުޖަން ޕެރޭރާ އެވެ.
ދެވަނަ ހާފްގައި ވެސް ދެ ޓީމްގެ ފަރާތުން ދާދި އެއްވަރެއްގެ ކުޅުމެއް ފެނިގެން ދިޔަ އިރު ޓީސީން ވަނީ އީގަލްސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.
ލީގުގައި ދެން މެޗެއް އޮންނާނީ އަންނަ އަންގާރަ ދުވަހު އެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި އީގަލްސް އިން ވިކްޓަރީ އާއި ދެކޮޅަށް ނިކުންނައިރު އެ ރޭ ޓީސީ ނިކުންނާނީ ބީޖީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.