އިސްލާމްދީނާ ގުޅުންހުރި ޒަމާނީ މައްސަލަތަކާމެދު ދިރާސާކުރުމަށް ރާއްޖެއިން ބޭރުގެ އެކިއެކި އިސްލާމީ ޔުނިވާސިޓީތަކުގެ ޕްރޮފެސަރުންނާކު ބައިނަލްއަގުވާމީ ކޮންފަރެންސެއް ރާއްޖޭގައި ބާއްވަން އިސްލާމީ ޔުނިވާސިޓީން ނިންމައިފިއެވެ.

އިސްލާމީ ޔުނިވާސިޓީގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ކޮންފަރެންސް އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް އެ ޔުނިވާސިޓީގައި ކަމަށެވެ.

އިސްލާމިކް ޔުނިވާސިޓީގެ ސެންޓަ ފޯ ރިސާޗު އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. ދީބާ މޫސާ ވިދާޅުވީ، އެ ކޮންފަރެންސްގައި ބައިވެރިވާ ގައުމުތަކުގެ ތެރޭގައި އަވަށްޓެރި އިންޑިއާ، ޕާކިސްތާން އަދި ސްރީލަންކާގެ އިތުރުން މެލޭޝިޔާ، ތުރުކީ، ބުރޫނާއި ފަދަ ގައުމުތައް ހިމެނޭ ކަމަށެވެ.

އެ ކޮންފަރެންސްގައި ދުނިޔޭގެ އެކި ހިސާބުތަކުން 26 ދީނީ އިލްމުވެރިން ކަރުދާސް ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކޮންފަރެންސްގައި ބައިވެރިވުމަށް ރާއްޖޭގެ އެކިއެކި ސްކޫލްތަކަށް ދައުވަތު އަރުވާފައިވާނެ ކަމަށާއި އޭގެތެރޭގައި އަތޮޅުތަކުގެ ސްކޫލްތައް ވެސް ހިމެނޭ ކަމަށެވެ. ޚާއްސަ ގޮތެއްގައި އެކި ސްކޫލްތަކުން ވީހާވެސް ގިނަ އިސްލާމް ޓީޗަރުން އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ދީބާ ވަނީ އިލްތިމާސްކުރައްވާފައެވެ.

އެ ކޮންފަރެންސްގައި ބައިވެރިވުމުން ޓީޗަރުންގެ އަމިއްލަ ކުރިއެރުމަށް ވަރަށް ބޮޑު ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އެ ކޮންފަރެންސްގައި ހިއްސާ ކުރާ ދިރާސާތައް ކިޔުމަށްފަހު އޭގައި ހުރި މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވޭނެ ކަމަށް ދީބާ ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ސެންޓަ ފޯ ރިސާޗު އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. ދީބާ މޫސާ ސަން އަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖޭގައި ނިންމުންތައް ނިންމާއިރު، ގިނަ ފަހަރަށް ދިރާސާތަކުގެ މައްޗަށް އަލިއަޅުވާލާފައި ނުހުންނަ ކަމަށާއި ނަމަވެސް ބޮޑެތި ގައުމުތަކުން ނިންމާ ނިންމުންތަކުގައި ޔުނިވާސިޓީތަކުން ހަދާ ދިރާސާތައް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ އެކަހަލަ ކޮމިއުނިޓީއެއް ދިވެހި ކޮމިއުނިޓީގައި ގާއިމްކުރުމަށްޓަކައި އައިޔޫއެމް އިން އަޅާ ފިޔަވަޅެއް އެ ކޮންފަރެންސަކީ،" ދީބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ކޮންފަރެންސްގައި އިލްމީގޮތުން ގާބިލް މީހުންގެ މެދުގައި ކަންކަމާ މެދު ބަހުސް ކުރެވިގެން އެ ނުކުންނަ ނަތީޖާ ރާއްޖޭގެ މުޖުތަމައުއާ ހިއްސާ ކުރަން ނިންމާފައިވާ ކަމަށެވެ.

"އެހެންވީމަ އެ ކޮލިޓީހުރި އިލްމީގޮތުން ގާބިލް މީހުންގެ މެދުގައި ކަންކަމާ މެދު ބަހުސް ކުރެވިގެން އެ ނުކުންނަ ނަތީޖާ އަޅުގަނޑުމެން ރާއްޖޭގެ މުޖުތަމައުއާ ހިއްސާ ކުރާނަން. މުޖުތަމައުއާ ހިއްސާކުރީމަ މީހުންނަށް ގަބޫލުކުރެވޭނެ ދެއްތޯ މި ނުކުންނަ ނަތީޖާ އަކީ ހަރުދަނާ އިލްމީގޮތުން ގާބިލް ޒިންމާދާރު ބައެއްގެ ތެރޭގައި ބަހުސްކުރެވިގެން ނުކުމެފައި އޮތް ނަތީޖާއެއް ކަމަށް،" ދީބާ ވިދާޅުވިއެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމާ ބެހޭގޮތުން އެ ކޮންފަރެންސްގައި ބާއްވާ ޕެނަލްގައި އެމްއެންޑީއެފް ބައިވެރިވެ އެތަނުގެ ތަޖުރިބާތައް ހިއްސާކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއް ޕެނަލް އަކީ ޓެރަރިޒަމް އެކްސްޓްރީމިޒަމާ ބެހޭ ޕެނަލެއް. މީގަ ބޭރުން ޕްރޮފެސަރުން ބައިވެރިވެވަޑައިގަންނަވާ އަދި އެމްއެންޑީއެފް އިން އެބޭފުޅުންގެ އެކްސްޕީރިއަންސްތަކާއި އެބޭފުޅުންގެ ތަފާސް ހިސާބުތައް ހިއްސާ އެބަކުރޭ. އެއަށް ބޭސްކޮށް ވަރަށް ބައިވަރު ޑިސްކަޝަންސްތައް ހިނގަމުންދާނެ. އެހެންވީމަ މިކަހަލަ ޚިލާފީ މައްސަލަތަކުގައި ރިސާޗް ކުރެވިފައި ހުރީ ކޯއްޗެއްތޯ މީހުންނަށް އެނގުމަކީ ވަރަށް މުހިންމު ކަމެއް،" ދީބާ ވިދާޅުވިއެވެ.