16 Sep 2016, 09:54
ގާތްގަނޑަކަށް ވިހި އަހަރުގެ މެދުކެނޑުމަކަށް ފަހު، ނެދަލެންޑްސްގެ ގައުމީ އެއާލައިން ކޭއެލްއެމްއިން ސްރީލަންކާގެ ކޮލޮމްބޯއަށް ދަތުރު ކުރުމަށް ހަމަޖެހިއްޖެއެވެ.
މީގެ ކުރިން ކޭއެލްއެމްއިން ކޮލޮމްބޯއަށް ދަތުރުކުރަމުން ދިޔައީ އަބޫ ދާބީ މެދުވެރިކޮށެވެ. އަބޫ ދާބީ މެދުވެރިކޮށް ނެދަލެންޑްސްއާ ލަންކާއާ ދެމެދު ކޭއެލްއެމްއިން އެންމެ ފަހުން ދަތުރުކޮށްފައި ވަނީ 1997 ވަނަ އަހަރުގައެވެ.
ކޭއެލްއެމްއިން ބުނާ ގޮތުގައި، މި އަހަރުގެ ފިނި މޫސުމާ އެކު ފަށާ މި ދަތުރުތަކުގެ ތެރެއިން ފުރަތަމަ ދަތުރު އޮންނާނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ހަފްތާއަކު ދެ ފަހަރު ބާއްވާ ސީދާ ދަތުރުތައް ކޮލޮމްބޯއާއި އެމްސްޓަޑަމްއާ ދެމެދު ކުރާނީ، ކޭއެލްއެމްގެ ފްލީޓަށް އަލަށް ގެންނަ ބޮއިންގް 787 ޑްރީމްލައިނާ އެއާކްރާފްޓްގައެވެ.
ކޭއެލްއެމްގެ ބެލެނިވެރި ކުންފުނި، އެއާފްރާންސް-ކޭއެލްއެމްގެ ޖެނެރަލް މެނޭޖާ ފޮރ އިންޑިއަން ސަބްކޮންޓިނެންޓް މެކްސް ސްމިޓްސް ވިދާޅުވީ، ގާތްގަނޑަކަށް 20 އަހަރުގެ މެދުކެނޑުމަކަށް ފަހު ދެގައުމުގެ ދެމެދުގައި ދަތުރުތައް ފަށާ އިރު، އެންމެ ފަހުގެ އެއާކްރާފްޓު ބޭނުން ކުރުމަކީ ވަރަށް ޚާއްސަ ކަމެއް ކަމަށެވެ.