ޓީޖެޓީ ސަރަހައްދުގައި އޮތް ދޯންޏަކުން މޫދަށް ވެއްޓި، ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 8:55 ހާއިރު ކަމަށެވެ.

ޓީޖެޓީ ސަރަހައްދުގައި އޮތް ދަފީނާ ހާޑްވެއާގެ "ދޮށި-2" ނަމަކަށް ކިޔާ ދޯންޏަށް މުދާއެރުވުމަށްފަހު، މުދަލުގެ މަތީގައި ސަތަރިއަޅަން އަރައި އުޅެނިކޮށް އޭނާ ވެއްޓުނީ ކަމަށް އިސްމާއީލް ވިދާޅުވިއެވެ.

އެ ދޯނި ޓީޖެޓީ ސަރަހައްދަށް ދިޔައީ ކަސްޓަމްސް އިން މުދާ އެރުވުމަށްފަހު ޓީޖެޓީ ސަރަހައްދުގައި ހުރި އިތުރު މުދާތަކެއް އެރުވުމަށް ކަމަށް އިސްމާއީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފުލުހުންގެ ވެސް އެހީތެރިކަމާ އެކު އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ވަނީ މަރުވެފައި ކަމަށް ޑޮކްޓަރު ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

އެމީހާ އަކީ ބަނގުލަދޭޝްގެ ރައްޔިތެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އިސްމާއީލް ވިދާޅުވިއެވެ.