16 Sep 2016, 09:52
ސްރީލަންކާގެ ޔުނިވާސިޓީތަކުގެ މެޑިކަލް ފެކަލްޓީތަކުން، ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ދިވެހި ދަރިވަރުންނާއި ދިވެހި ހެލްތު ވޯކަރުންނަށް ތައުލީމާއި ތަމްރީނު ދިނުމާ ބެހޭގޮތުން ދެގައުމުގެ ސިއްހަތާ ބެހޭ ވަޒީރުން މަޝްވަރާ ކުރައްވައިފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ، އިރު ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ 69 ވަނަ ސަރަހައްދީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ސްރީލަންކާއަށް ވަޑައިގެންނެވި އިރު، މިނިސްޓަރު ވަނީ ލަންކާގެ ސިއްހަތާއި ހަކީމީ ބޭސްވެރިކަމާ ބެހޭ ވަޒީރު ޑރ. ރާޖިތަ ސޭނާރަތުނައާ ބައްދަލު ކުރައްވައިފައެވެ.
ސްރީލަންކާގެ މީޑިއާގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ދެ މިނިސްޓަރުން ވަނީ ސިއްހީ ދާއިރާގައި އެކި ރޮނގު ރޮނގުން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އެގޮތުން، ޑޮކްޓަރުކަން ކިޔަވާ ދިވެހި ދަރިވަރުންނަށް ލަންކާގެ ޔުނިވާސިޓީތަކުގެ މެޑިކަލް ފެކަލްޓީތަކުން ކިޔެވުމުގެ ފުރުސަތު އިތުރަށް ފަހި ކުރުމާއި، ރާއްޖޭގެ ހެލްތު ވޯކަރުންނަށް ލަންކާގައި ތަމްރީނު ލިބޭނެ ގޮތްތަކެއް ފަހި ކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ މިނިސްޓަރުން ވަނީ ރާއްޖެއަށް އެންމެ ބޭނުންވާ ބޭސްތައް ސްރީލަންކާއިން ފޯރުކޮށްދިނުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ރާއްޖޭގައި ބްލަޑް ޓްރާންސްފިއުޝަން ސެންޓަރުތަކެއް ގާއިމުކުރުމަށް ލަންކާގެ ފަންނީ ލަފާ ހޯދުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.
ހެލްތު މިނިސްޓަރު ނާޒިމް ވަނީ، ގައިން ގަޔަށް ނާރާ ބަލިތަކާ ބެހޭގޮތުން ރާއްޖޭގައި ބާއްވާ ބައްދަލުވުމެއްގައި ޝަރަފުވެރި މެހެމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމުގެ ދައުވަތު، ލަންކާގެ ހެލްތު މިނިސްޓަރު ޑރ. ރާޖިތަ ސޭނާރަތުނައަށް އަރުވައިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 69 ވަނަ ރީޖަނަލް މީޓިންގްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ހެލްތު މިނިސްޓަރު ނާޒިމް މިހާރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.