ކ. ތުނބަފަޅުގައި ގާނޫނާ ހިލާފަށް މަސައްކަތްކޮށް އެ ސަރަހައްދުގެ ތިމާވެއްޓަށް ގެއްލުން ދިން ކަމަށް ބުނެ ސަރުކާރުން ޗަމްޕާ މުހައްމަދު މޫސާ 100 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި މައްސަލާގައި "ސިޔާސީ ކުލަ" ޖެހިފައިވާ ކަމަށް ވިދާޅުވެ އެންވާރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުން އިސްތިއުފާދެއްވިތާ 24 ގަޑިއިރު ނަވަނީސް މުހައްމަދު ޒުހެއިރު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް ވިދާޅުވީ، ފުލުސް އޮފީހަށް ޒުހެއިރު ހާޒިރުކުރީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އޭނާއާ ސުވާލުކުރުމަށް ކަމަށެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވި އެވެ.

ޝިޔާމް ވިދާޅުވީ، ޒުހެއިރު ފުލުސް އޮފީހަށް ހާޒިރުކުރީ މިއަދުގެ ވަގުތެއްގައި ކަމަށާއި އޭނާ އަދިވެސް ހުރީ ފުލުސް އޮފީހުގައި ކަމަށެވެ. ނަމަވެސް، އޭނާ ހުރީ ފުލުހުންގެ ހައްޔަރުގައި ނޫން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޒުހެއިރުގެ ފޯނު ނިއްވާލައިފައި އޮތުމުން އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ފުލުސް އޮފީހަށް ޒުހެއިރު ހާޒިރުކޮށްފައި މިވަނީ، ތުނބަފަޅު މައްސަލާގައި އުއްޗު ޖޫރިމަނާ ކުރުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީން ނިންމި ނިންމުމަކީ ސިޔާސީ އަދި ޒާތީ ކަންތައްތަކެއް ހިމެނިގެން ނިންމާފައިވާ ނިންމުމެއް ކަމަށް ސިފަކުރައްވައި، އެތަނުގެ އިސްވެރިޔާގެ މަގާމުން އޭނާ އިއްޔެ އިސްތިއުފާދެއްވައިފަ ވަނިކޮށެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޒުހެއިރު ވިދާޅުވެފައިވެ އެވެ؛ "އެކަންތަކުގައި ކޮންމެވެސް ވަރަކަށް ސިޔާސީ ކުލަ ޖެހުމާއި ވަރަށް ބޮޑަށް ޒާތީ ކަންތައްތަކެއް އޭގެ ތެރޭގައި ހިމެނޭތީވެ، އެކަމާ ހިތްހަމަނުޖެހިގެން އަޅުގަނޑު އިސްތިއުފާ ދިނީ. ދެން އެންވާރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަކީ ވަރަށް ފަންނީ ގޮތުން ޕްރޮފެޝަނަލްކޮށް މަސައްކަތްކުރަން ޖެހޭ ތަނެއް. އެހެންނަމަވެސް، އެ ކަންތައްތަކުގެ ތެރެއަށް ސިޔާސީ ކަންތައްތަކާއި ޒާތީ ކަންތައްތައް ވަނީމަ އަޅުގަނޑުމެންނަށް، ހާއްސަކޮށް އަޅުގަނޑަށް އެކަމުގައި ކުރިއަށްދާން، ވަޒީފާގައި ހުންނަން ނުފެންނާތީ އަޅުގަނޑު މިއަދު އިސްތިއުފާ މިދިނީ،"

އުއްޗުގެ ވަކީލުންގެ ޓީމުން މިހާރު ވަނީ 100 މިލިއަން ރުފިޔާއިން އުއްޗު ޖޫރިމަނާކުރުމަށް ސަރުކާރުން ނިންމި މައްސަލަ ކޯޓަށް ވައްދަން ތައްޔާރުވެފަ އެވެ.