15 Sep 2016, 20:41
މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެފްރިކާގެ ގައުމެއް ކަމުގައިވާ ޓެންޒޭނިއާއިން ފެނުނު، މަތިންދާ ބޯޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗަކީ 2014 ވަނަ އަހަރު ވީނުވީއެއް ނޭނގި ގެއްލުނު މެލޭޝިއަން އެއާލައިންސްގެ ބޯޓު އެމްއެޗު 370ގެ ބައެއްކަން ކަށަވަރު ވެއްޖެއެވެ.
ދެހާސް ސާދައިގެ މާޗު މަހުގެ ތެރޭގައި، ކުއަލަ ލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންގްއަށް ދަތުރުކުރަނިކޮށް ރާޑަރުން ވެސް ގެއްލި، ވީނުވީއެއް ނޭނގި އެމްއެޗް370 ފްލައިޓު ގެއްލުނުތާ ދެ އަހަރު ވެފައިވާ އިރު، އެ ބޯޓުގެ ހިލަމެއް ވެސް ވެފައެއް ނުވެއެވެ.
މީގެ ކުރިން ވެސް އެ ފްލައިޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެތަކެއް އެއްޗެހިތަކެއް ކަނޑުންނާއި އެކި ގައުމުތަކުގެ އަތިރިމަތިން ފެނިފައިވެއެވެ. އެފަދައިން ފެނުނު ގިނަ ބައިތަކަކީ އެ ފްލައިޓުގެ ބައިތަކެއް ކަން ކަށަވަރު ނުކުރެވުނު ނަމަވެސް، އިންޑިއާ ކަނޑުގައި އޮންނަ ފްރާންސްގެ ޖަޒީރާ ރިޔޫނިއަނުން މިދިޔަ އަހަރު ފެނިފައިވާ ބައެއް، ގެއްލުނު ފްލައިޓާ ގުޅުމެއް ވާކަން ކަށަވަރު ކުރެވިފައި ވެއެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ޓެންޒޭނިއާގެ ޕެމްބާ ނަމަކަށް ކިޔާ ޖަޒީރާއަކުން ފެނުނު އެއްޗަކީ ގެއްލުނު މެލޭޝިއަން އެއާލައިންސްގެ ފްލައިޓުގެ ބައެއްކަން މެލޭޝިއާއިން މިއަދު ވަނީ ޔަގީންކަން ދީފައެވެ. މިކަމަށް ބާރު ދެނީ، ފެނުނު އެތީގައި ހުރި ބައެއް ނަމްބަރު ކޯޑުތަކަކުންނެވެ.
މެލޭޝިއާގެ ޓްރާންސްޕޯޓު މިނިސްޓަރު ލިއޯ ޓިއޮން ލައި ވިދާޅުވީ، ޓެންޒޭނިއާއިން ފެނުނު އެތީގެ އިތުރު ތަހުލީލުތައް ވަރަށް އަވަހަށް ކުރެވޭނެ ކަމަށެވެ.
ޓެންޒޭނިއާއިން ފެނިފައިވަނީ ބޮއިންގް 777 މަތިންދާ ބޯޓެއްގެ ކަނާތު ފިޔަގަނޑުގެ ބައެކެވެ. އެމްއެޗް370 އަކީ ބޮއިންގް 777 މަރުކާގެ މަތިންދާ ބޯޓެކެވެ. އޮސްޓްރޭލިއާގެ ޓްރާންސްޕޯޓު ސޭފްޓީ ބިއުރޯއިން ބުނާ ގޮތުގައި، ޓެންޒޭނިއާއިން ފެނިފައިވާނީ 9 އެމް އެމްއާރުއޯ ކޯޑުގައި ރެޖިސްޓާ ކޮށްފައިވާ އެއާކްރާފްޓެއްގެ ބައެކެވެ. އެ ކޯޑުގައި ރަޖިސްޓަރ ކޮށްފައިވަނީ އެމްއެޗް 370ގެ އެއާކްރާފްޓެވެ.
ޓެންޒޭނިއާ އަދި ރިޔޫނިއަންގެ އިތުރުން، އެފްރިކާ ބައްރާ ކައިރިން އިންޑިއާ ކަނޑުގެ ބައެއް ސަރަހައްދުތަކުން ވެސް މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައި ވެއެވެ. އެގޮތުން ދެކުނު އެފްރިކާ، މޮޒަމްބީކް އަދި މޮރިޝަސްގެ ޖަޒީރާއަކުން ފެނިފައިވާ ބައިތަކެއް މިހާރު ދަނީ ތަހުލީލު ކުރެވެމުންނެވެ.