ބެޓެރީ ދޮން ބޮޑުވެ، ބެޓެރީގައި ރޯވާ މައްސަލަ ދިމާވެފައިވާ ސެމްސަންގް ގެލެކްސީ ނޯޓު 7 ފޯނު، ސްރީލަންކަން އެއާލައިންސްގެ ފްލައިޓުތަކުގައި ބޭނުންކުރުން މަނާކޮށްފިއެވެ.

ސްރީލަންކަން އެއާލައިންސްއިން އެގައުމުގެ އިކޮނޮމީނެކްސްޓް ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ ފޯނު ފްލައިޓުތަކުގައި ބޭނުންކުރުން މަނާ ކޮށްފައިވާ ކަމަށާއި، އެގޮތަށް އެ އެއާލައިނުން ނިންމީ އެފަދަ ފިޔަވަޅުތަކެއް ބައެއް އެހެން އެއާލައިންތަކުން ވެސް އަޅާފައި ވާތީ ކަމަށެވެ.

ފްލައިޓުގައި ސެމްސަންގް ގެލެކްސީ ނޯޓު 7 ބޭނުންކުރުން މަނާކޮށްފައިވާ އެހެން އެއާލައިންތަކަށް ބަލާއިރު، އެމިރޭޓްސް، އެއާ ފްރާންސް، ކުވަންޓަސް، އެމެރިކަން އެއާލައިންސް، ކޭއެލްއެމް އަދި ޕާކިސްތާން އިންޓަނޭޝަނަލް އެއާވޭސް ހިމެނެ އެވެ.

އެއާލައިންތަކުން ބުނަމުން ދަނީ ގެލެކްސީ ނޯޓް 7 ފޯނު ފްލައިޓަށް އެރުވޭނީ ފަސިންޖަރު އަތުގައި ބާއްވައިގެން ކަމަށާއި، ޗެކް އިން ކޮށް، ދޫކޮށްލާ ބެގޭޖަށް ފޯނު ލުމަކީ މަނާ ކަމެއް ކަމަށެވެ.

އަދި ފްލައިޓުގައި ތިބޭ އިރު ގެލެކްސީ ނޯޓު 7 ފޯނު ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށާއި ފްލައިޓު މަތީގައި ފޯނު ޗާޖު ކުރުމަކީ ވެސް މަނާ ކަމެއް ކަމަށް އެއާލައިންތަކުން ބުނެ އެވެ.

ސެމްސަންގް ގެލެކްސީ ނޯޓު 7 ގެ ބެޓެރީ ބަޑި ޖަހައި، އޭގައި އަލިފާން ރޯވާ މައްސަލަ ބޮޑުވުމުގެ ސަބަބުން، ސެމްސަންގުން ވަނީ އެ ފޯނު ގަނެފައިވާ ފަރާތްތަކުގެ އަތުން ފޯނު އަތުލައި، އޭގެ މާލީ ބަދަލު ދޭން ފަށައިފައެވެ.