އެޕަލްއިން ނެރުނު އެކުންފުނީގެ އާ އައިފޯން، އައިފޯން 7 އަދި އައިފޯން 7 ޕްލަސްއަށް ދިރާގު މެދުވެރިކޮށް ޕްރީ ރެޖިސްޓަރ ކުރުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިބްރާހިމް އިމްޖާދު ޖަލީލް "ސަން" އަށް ވިދާޅުވީ، މާދަމާއިން ފެށިގެން އައިފޯން 7 އަދި އައިފޯން 7 ޕްލަސްއަށް، ދިރާގު ވެބްސައިޓު މެދުވެރިކޮށް ޕްރީ ރެޖިސްޓާ ކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ފޯނު އިންސްޓޯލްމެންޓަށް ދޫކުރާ އަގުތަކާއި، ކަސްޓަމަރުންނަށް އެނގެން ޖެހޭ ހުރިހާ މައުލޫމާތެއް މާދަމާ ދިރާގު ވެބްސައިޓުން ލިބޭނެ ކަމަށެވެ.

"ހުކުރު ދުވަހުގެ [މާދަމާގެ] ވަގުތެއްގައި އަޅުގަނޑުމެން ވެބްސައިޓަށް އެ މައުލޫމާތުތައް ލާނަން،" އިމްޖާދު ވިދާޅުވި އެވެ.

އިމްޖާދު ވިދާޅުވީ، ދިރާގުން އައިފޯން 7 އަދި 7 ޕްލަސް ވިއްކާނީ އެންމެ ފުރަތަމަ ފޯނަށް އެދޭ ފަރާތްތަކަށް އިސްކަން ދީގެން، "ފަސްޓް ކަމް ފަސްޓް ސާވް"ގެ އުސޫލުން ކަމަށެވެ.

އައިފޯން 7 އަދި 7 ޕްލަސް ފަސް ކުލައަކުން ލިބެ އެވެ. އެއީ ޖެޓް ބްލެކް، މެޓް ބްލެކް، ސިލްވާ، ގޯލްޑް އަދި ރޯޒް ގޯލްޑް ކުލަ އެވެ. އިމްޖާދު ވިދާޅުވީ ކަސްޓަމަރުން ބޭނުންވާ ކުލަތަކުން ފޯނުތައް ދިރާގުން ފޯރުކޮށްދެވޭނީ، އެކުންފުނިން ގެންނަ ފޯނު ސްޓޮކުގައި އެ ކުލައެއް ހުރި ވަރަކުން ކަމަށެވެ.

އައިފޯން 7 އަދި 7 ޕްލަސްގެ ޑިޒައިނަށް ބަލާއިރު އޭގައި ހުންނަނީ ރިފްލެކްޓިވް ސާފެސް އެކެވެ. އޮކްސައިޑް ޕްރޮޓެކްޓިވް ފަށަލައެއް ލާފައިވެއެވެ.

އައިފޯން 7 ގެ ކެމެރާތައް ވަރަށް ފުރިހަމަ ވާނެ ކަމަށް އެޕަލްއިން ބުނެ އެވެ. އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒް ކުރެވޭ މި ކެމެރާތަކުން އެކްސްޕޯޝަރ ވަގުތު ތިން ގުނައަށް އިތުރުވެ އެވެ. އައިފޯން 7 ގެ ކެމެރާގައި 1.8 އެޕެޗަރގެ ލެންސްއަކާއި ކުއަޑް އެލްއީޑީ ފްލޭޝެއް ހުރެ އެވެ. އަދި ފްރަންޓް ފޭސިންގް ކެމެރާގައި ހަތް މެގަޕިކްސެލް ހުންނާނެއެވެ.

އައިފޯން 7 ޕްލަސްގެ ޑުއަލް ކެމެރާގެ ސަބަބުން ވައިޑް އޭންގަލް ފޮޓޯތަކާއި ޓެލެފޮޓޯ ނެގެ އެވެ. އެއް ލެންސުން ޒޫމް ކުރެވޭ ވަރަށް ވުރެ އަނެއް ލެންސްގެ ޒޫމް ކުރުމުގެ ގާބިލިއްޔަތު ދެގުނައަށް އިތުރެވެ.

އައިފޯން 7 ގައި ހިމެނެނީ ސްޓޭރެއޯ ސްޕީކަރުތަކެކެވެ. އަދި ކުރީގެ ފޯނުތަކުގައި ހުންނަ ހެޑްފޯން ޖެކުތައް ވަނީ ނަގައިފަ އެވެ. އޭގެ ބަދަލުގައި، ހެޑްފޯނު ޖަހަން ދެން ޖެހޭނީ ފޯނުގެ ޗާޖަރު ޖަހާ ލައިޓްނިންގް ޕޯޓަށެވެ. އާ ހެޑްފޯނެއް ވެސް މި ފޯނާ އެކު ތައާރަފު ކޮށްފައިވެއެވެ.

އަދި ވަޔަލެސް ޓެކްނޮލޮޖީއާ އެކު "އެއާޕޮޑް" ކިޔާ ވަޔަލެސް ހެޑްފޯނެއް ވެސް އެޕަލްއިން ތައާރަފު ކޮށްފައި ވެ އެވެ. ކަންފަތަށް ހެޑްފޯނު ޖެހި ކަން އިންފްރާރެޑް ސެންސަރުތަކަކުން ދެނެގަނެވޭ އިރު، މި ހެޑްފޯނު މަސައްކަތް ކުރަނީ ހަމައެކަނި މީހެއްގެ ކަންފަތުގައި އެ ލައްވާފައި ހުންނަ އިރުއެވެ.