15 Sep 2016, 15:38
ޔުއެފާ ޗެމްޕިއަންސް ލީގްގައި ޕޯޗުގަލްގެ ސްޕޯޓިން އަތުން ސްޕެއިންގެ ރެއާލް މެޑްރިޑް ބަލިވާން ދަނިކޮށް އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހިތްގައިމު ހިލޭ ޖެހުމަކުން ކާމިޔާބުކުރި ލަނޑުން މެޗުގެ ނަތީޖާ 1-1 އިން އެއްވަރުވި ނަމަވެސް އެ ގޯލަށް ފަހު ރޮނާލްޑޯ އެއްވެސް ވަރަކަށް އުފާފާޅެއް ނުކުރެއެވެ.
އުމުރުން 16 އަހަރުގައި ސްޕޯޓިން އިން ފުޓްބޯޅަ ކެރިއަރު ފެށި ރޮނާލްޑޯ ރޭގެ މެޗަށް ފަހު ބުނީ އޭނާ ފުޓްބޯޅައިގެ ތެރެއަށް ނެރެދިން ސްޕޯޓިންއަށް އަބަދުވެސް އިހްތިރާމް ކުރާނެ ކަމަށާއި އެ ކްލަބަށް އޭނާގެ ހިތުގައި ހާއްސަ މަގާމެއް ދީފައިވާނެ ކަމަށެވެ.
"އަހަރެން ރޭ ނިކުތީ އުފަން ގައުމުގެ އަހަރެންގެ ޓީމާ ދެކޮޅަށް. އަހަރެން މިހިސާބަށް އައުމުގެ އެންމެ ބޮޑު އެއް ދައުރެއް އަދާކޮށްފައިވަނީ ވެސް ސްޕޯޓިން. އެހެންވެ ދުވަހަކު ވެސް އެ ކްލަބަށް ދެވިފައިވާ ހާއްސަ މަގާމަށް ބަދަލެއް ނާންނާނެ،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ވަނީ 2003 ވަނަ އަހަރު އިނގިރޭސި ގަދަ ބާރު މެންޗަސްޓާ ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން ސްޕޯޓިން އަށް 31 މެޗު ކުޅެދީ ފަސް ގޯލު ކާމިޔާބު ކޮށްފައެވެ. މެންޗެސްޓާ ޔުނައިޓެޑްގައި އޭނާ ހޭދަކުރި ހަތް ސީޒަނުގައި އެ ޓީމަށް ކުޅެދިން 292 މެޗުގައި 118 ގޯލު ކާމިޔާބު ކޮށްފައެވެ.

2013 ވަނަ އަހަރު އޯލްޑްޓްރެފޯޑްގައި ޔުނައިޓެޑް ކޮޅަށް ގޯލުޖެހުމަށް ފަހު ރޮނާލްޑޯ ---
ދުނިޔޭގެ ރިކޯޑް ފީ އަކަށް 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރެއާލަށް ބަދަލުވި ރޮނާލްޑޯ ވަނީ 2013 ވަނަ އަހަރު ޗެމްޕިއަންސް ލީގްގެ ގްރޫޕް ސްޓޭޖްގައި ވެސް ޔުނައިޓެޑާ ދެކޮޅަށް ނިކުމެ ދެ މެޗުގައި ވެސް ގޯލް ޖަހާފައެވެ. ނަމަވެސް އާންމުކޮށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރާ ރޮނާލްޑޯ އެ ދެ ގޯލު ޖެހުމަށް ފަހު ވެސް ޔުނައިޓެޑް ސަޕޯޓަރުންނަށް އިހްތިރާމް ކުރުމުގެ ގޮތުން އުފާފާޅެއް ނުކުރެއެވެ.
ޗެމްޕިއަންސް ލީގްގައި ރެއާލް މެޑްރިޑާއި ސްޕޯޓިން ބައްދަލުކުރާ ދެވަނަ ލެގްގެ މެޗު އޮންނާނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ރޮނާލްޑޯގެ އުފަން ގައުމު ޕޯޗުގަލްގެ، ލިޒްބަންގައެވެ.